ރައީސް ނަޝީދު
ރައީސް ނަޝީދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު މިއަދު ތ. ކިނބިދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ ރާއްޖޭގެ ރަށްރަށުގެ ތަރައްގީއަށް އައިސްފައިވާ ބަދަލުތަކާއި، ހާއްސަކޮށް ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ކުރެވިފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ކުރީގައި ރަށްރަށުގައި ފާހާނާ ކުރެވޭނެ އެކަށީގެންވާ ނިޒާމެއް ނެތް ނަމަވެސް، ސުނާމީ ކާރިސާއަށްފަހު ފެށުނު މަޝްރޫއުތަކާއެކު މިހާރު ގިނަ ރަށްރަށުގައި އެ ހިދުމަތް ގާއިމުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ގައުމުގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން، ދައުލަތުން ކުރާ ހަރަދުތައް އާއިލާތަކުގެ އާމްދަނީ އިތުރުވާނެ މަގުތަކަށް ބައްޓަންކުރުމުގެ މުހިންމުކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށް ކުރާ ހަރަދުތަކަކީ އޭގެ ސަބަބުން ރައްޔިތުންނަށް މާލީ ފުދުންތެރިކަން ލިބި، އަމިއްލައަށް ޓެކްސް ދެއްކޭނެ ފަދަ ތަނަވަސްކަމެއް ލިބޭނެ ކަންކަމަށް ވާންޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މިހާރު ކަންކަން ކުރިއަށްދާ ގޮތުން ދަރަނި އިތުރުވަމުންދާތީ، އެކަމާ މެދު ވިސްނުންތެރިވާންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ، މިހާރު ފެންނަމުންދާ ތަނަވަސްކަމަކީ ބޮޑު ދަރަންޏެއްގެ މައްޗަށް ބިނާވެފައިވާ ކަމެއް ކަމަށާއި، ބާޒާރުގައި މުދާ މަދުވުމާއި އަގުތަކަށް އަންނަ ބަދަލުތަކަށް ސަމާލުވާންޖެހޭ ކަމަށެވެ.

ހާއްސަކޮށް އާންމުކޮށް ބޭނުންކުރާ ސާމާނު ބާޒާރުން ލިބުން ދަތިވަމުންދާ ދިއުމަކީ އިގްތިސާދީ ގޮތުން ވިސްނަންޖެހޭ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ. ބައްދަލުވުން ނިންމާލައްވަމުން، ކަންކަމުގައި ރައްޔިތުން އިތުރަށް ވިސްނުންތެރިކަން އިސްކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު