ރައީސް ނަޝީދު
ރައީސް ނަޝީދު
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމަށް ވާދަކުރެއްވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ފޯމު ހުށަހަޅުއްވާފައިވާކަން އެ ޕާޓީން މިހާރު ވަނީ އިއުލާންކޮށްފައެވެ.

މިކަން ހާމަކުރެއްވީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ރޭ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. ފައްޔާޒު މިގޮތަށް ހާމަކުރެއްވީ ނަޝީދު އެ މަގާމަށް ވާދަނުކުރައްވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވާހަކަ ފަތުރަމުން ދަނިކޮށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ފޯމު ހުށަހަޅުއްވާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 28 ވަނަ ދުވަހުއެވެ. ނަޝީދުގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް ނަސީމް ވެސް ވަނީ މި މަގާމަށް ވާދަކުރެއްވުމަށް އެޕްރީލް 29 ގައި ފޯމު ހުށަހަޅުއްވާފައެވެ.

މީކާއިލް ވަނީ އެރޭ ބޭއްވި ހަރުގެ ޖަލްސާގައި އެކަން އާންމުކޮށް އިއުލާން ކުރައްވާފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރުފަހު 2:00 އަށް ހަމަވާއިރު، އިންތިހާބު ބޭއްވުމަށް ތާވަލުކޮށްފައިވަނީ އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހަށެވެ.

ނަމަވެސް، ޕާޓީގެ ވަގުތީ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ވަނީ އިންތިހާބު ފަސްކުރުމަށް ހުށަހަޅުއްވާފައެވެ. ގަޕޯ ވިދާޅުވި ގޮތުގައި މިވަގުތު އިންތިހާބު ބާއްވައިފިނަމަ ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލި، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތަށް ހުރަސް އެޅިދާނެއެވެ.

މީގެ އިތުރުން ޕާޓީގެ ބަޖެޓުގެ ދަތިކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.

އިންތިހާބު ފަސްކުރުމާ ގުޅޭގޮތުން ޕާޓީގެ ތެރޭގައި ހިޔާލުތަފާތުވުންތަކެއް ވަނީ އުފެދިފައެވެ. މީކާއިލް ނަސީމާއި ބައެއް އެކްޓިވިސްޓުން އިންތިހާބު ފަސްކުރުމާ ދެކޮޅަށް އަޑުއުފުލަމުންދާއިރު، އިއުލާނުކޮށްފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ދިއުމަށް އެ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު