މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު
މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު
މިހާރުގެ ސަރުކާރުގެ ހަލާކަށް ވާނެ ފަދަ ބަޔަކު ކެބިނެޓުގައި ތިބުމަކީ، އިދިކޮޅު އެމްޑީޕީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކާމިޔާބީއާ ގާތްކޮށްދޭނެ ކަމެއް ކަމަށް މާވަށު ދާއިރާގެ މެންބަރު އަހްމަދު ޝާކިރު ވިދާޅުވެއްޖެއެވެ.

ޝާކިރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ހޯމް މިނިސްޓަރު ޢަލީ އިޙްސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ ބައެއް މެންބަރުން ވޯޓު ދެއްވުމާ ގުޅިގެން އަމާޒުވަމުންދާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.

ޝާކިރު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރުގެ ހަލާކަށް ވާނެހައި ބަޔަކު ކެބިނެޓުގައި ތިބުމަކީ އެމްޑީޕީން އަބަދުވެސް ގެންގުޅޭ ސިޔާސަތެއް ކަމަށެވެ. އަދި މިކަމަކީ 2028 ވަނަ އަހަރު އެ ޕާޓީއަށް ކާމިޔާބު ހޯދުމަށް މަގުފަހިވާނެ ކަމެއްކަން ފާހަގަކުރައްވައި، "ވިސްނުންތެރިންނަށް އިޝާރާތަކުން ފުދޭނެ،" ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



މިހަފްތާގައި ރައްޔިތުންގެ މަޖިލީހުގައި ނެގި ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގައި، ހޯމް މިނިސްޓަރު ޢަލީ އިޙްސާނަށް ރުހުން ދިނުމަށް އެމްޑީޕީގެ 8 މެންބަރަކު ވަނީ ވޯޓު ދެއްވާފައެވެ. ނަމަވެސް، އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިމާއި، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް މި ވޯޓުގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. މީގެ އިތުރުން، ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަޙްމަދު ނަސީމާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު (ފިއްޓޭ) ވަނީ އިޙްސާނަށް ރުހުން ދިނުމާ ދެކޮޅަށް ވޯޓު ދެއްވާފައެވެ.

މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ، އެމްޑީޕީގެ މެންބަރުންނާއި، ޕާޓީގެ ގައުމީ މަޖިލީހުގެ އިތުރުން ދާއިރާތަކުގެ ރައްޔިތުންނަށް، މިގޮތަށް ވޯޓު ދެއްވި މެންބަރުން ތަފްސީލު ދެއްވަން ޖެހޭނެ ކަމަށެވެ.

އެމްޑީޕީގެ ތެރޭގައި މި މައްސަލަ ހޫނުވެފައިވަނީ، އެ ޕާޓީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބުގެ ފޯރި ގަދަވެ، ޕާޓީގެ އެތެރޭގެ ވާދަވެރިކަން އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓުގައި އެމްޑީޕީގެ ވަގުތީ ޗެއަރޕާސަން އަބްދުލްޣަފޫރު ވެސް ވަނީ ވަޒީރު އިޙްސާނަށް ރުހުން އޮތްކަމަށް ވޯޓު ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު