ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް 'އަދަދު' ނޫހުން އާންމުކުރި ޑޮކިއުމެންޓްރީއަކާ ގުޅިގެން ފުލުހުން އެ ނޫހުގެ އޮފީހަށް ވަން މައްސަލާގައި މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މިއަދު ބޭރުކޮށްލައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު މީކާއިލް ނަސީމެވެ. މީކާއިލް ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ، ނޫހަކުން އާންމުކުރާ ކޮންޓެންޓަކާ ގުޅިގެން އުފެދޭ ހިޔާލުތަފާތުވުންތައް ބެލުމަށް ގާނޫނީ ހާއްސަ މެކޭނިޒަމެއް އޮންނަ އިރު، އެ އިޖުރާއަތުން ބޭރުވެ ފުލުހުން ގަދަބާރުން ނޫހެއްގެ އޮފީހަށް ވަދެ މުދާ ހިފެހެއްޓުމަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތުން ކަމަށެވެ. އަދި މިއީ އެ ނޫސް ހުއްޓުވުމުގެ ބޭނުމުގައި ހިންގި އަމަލެއް ކަމަށް ތުހުމަތު ކުރުމުގެ ޖާގަ އެބައޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއުލާނު ކުރެއްވީ މި މައްސަލައަކީ މަޖިލީހުގެ ގަވައިދަށް ފެތޭ މައްސަލައެއް ނޫން ކަމަށެވެ. އެގޮތުން، ކުއްލި މައްސަލައަކީ ހަގީގަތެއްގެ މައްޗަށް ބިނާވެފައިވާ ކަމަކަށް ވާންޖެހޭނެ ކަމަށް ގަވައިދު ބުނާކަން ރައީސް ފާހަގަކުރެއްވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، ފުލުހުން 'އަދަދު' ނޫހުގެ އޮފީހަށް ވަދެފައިވަނީ ކޯޓު އަމުރެއްގެ ދަށުންކަން ފުލުހުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ކުއްލި މައްސަލައަކީ ގައުމުގެ އާންމު މަސްލަހަތަށް ސީދާ ގޮތުން އަސަރުކުރާ ބޮޑު ކަމެއް ކުއްލިއަކަށް ދިމާވުމުން ހުށަހަޅާ އެއްޗަކަށް ވާންޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މައްސަލަ ބަލައިނުގަތުމަށް ނިންމެވީ މަޖިލީހުގެ ގަވައިދުގެ 197 ވަނަ މާއްދާގެ (ށ)، (ކ) އަދި (ދ) ގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަ ނުވާތީ ކަމަށް ރިޔާސަތުން ވަނީ ކަނޑައަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު