"އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަނުން
"އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަނުން
މިނިވަން އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގަމުންދާ ރޭޑު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ޑޮކިއުމަންޓްރީއެއް އާންމުކުރުމާ ގުޅިގެން، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅުމުގެ ގޮތުން ހިންގާ އަމަލެއް ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި ފާހަގަކޮށްފައިވާ ގޮތުގައި، ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެފައިވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށްވީ ނަމަވެސް، އެ އަމުރުގައި ތަހުގީގު ކުރާ މައްސަލައާއި ބަލައި ފާސްކުރާނެ ދާއިރާ ސާފުކޮށް ބަޔާންކޮށްފައި ނުވާތީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އަދި މި ރޭޑުގެ ތެރެއިން އެ ނޫހުގެ ބައެއް އިލެކްޓްރޯނިކް ސާމާނު ފުލުހުން ގެންދަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

މީގެ އިތުރުން، ދާދި ފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކުރި މީޑިއާ ކޮންޓްރޯލް ކުރުމުގެ ގާނޫނާ އެކު، މިއީ މިނިވަން ނޫސްވެރިކަމަށް އޮތް ބިރުވެރިކަމެއްގެ ގޮތުގައި އެމްޑީޕީން ސިފަކުރެއެވެ.

ޑިމޮކްރެޓިކް މުޖުތަމައެއްގައި މިފަދަ ރިޕޯޓުތަކަށް ސަރުކާރުން ދޭންޖެހޭނީ ދެފުށް ފެންނަ ޖަވާބެއް ކަމަށާއި، ބިރުދެއްކުމުގެ އަމަލުތަކެއް ނޫން ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީޕީން ވަނީ ނޫސްވެރިކަމުގެ މިނިވަންކަން ދަމަހައްޓައި، ގާނޫނުގެ އިމުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް ދައުލަތުގެ މުއައްސަސާތަކަށް ގޮވާލާފައެވެ. އަދި ނޫސްވެރިންނަށް ބިރުދެއްކުމަކީ ޑިމޮކްރެޓިކް ނިޒާމުގެ އިތުބާރު ގެއްލިގެންދާނެ ކަމެއް ކަމަށްވެސް އެ ޕާޓީން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު