ރ. ވަދޫ
ރ. ވަދޫ
މިދިޔަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާ އެކު، ރ. ވާދޫގެ ސިޔާސީ މަޝްރަޙަށް ބޮޑު ބަދަލެއް އައިސް، ހަތަރު ދައުރަށް ފަހު އެ ރަށުގެ މެޖޯރިޓީ އިދިކޮޅު އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.

ޒަމާނުއްސުރެ ޕީޕީއެމް/ޕީއެންސީގެ ފިކުރު ވަރުގަދައަށް ފެތުރިފައި އޮތް ރަށެއްގެ ގޮތުގައި އޮތް ވާދޫގެ ކައުންސިލް ރައީސް ކަމާއި، އިތުރު ދެ މެންބަރު ގޮނޑި ވެސް މިފަހަރު ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.

މި އިންތިޚާބުގެ ނަތީޖާ އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ވޭތުވެދިޔަ ހަތަރު ދައުރުގައި މެދުނުކެނޑި ކައުންސިލް ރައީސްކަން ކުރައްވަމުން ގެންދެވި ހުސައިން ޢަލީ ބަލިކޮށް، އެމްޑީޕީގެ މުޙައްމަދު ރިޔާޟް އެ މަގާމަށް ހޮވިވަޑައިގަތުމުންނެވެ.

މީގެ އިތުރުން، ކައުންސިލް މެންބަރުކަމަށް ވާދަކުރި އެމްޑީޕީގެ މިފްތާހް މުޙައްމަދާއި ފާޠިމަތު ނުހާޔާ ޢަބްދުﷲ ވެސް ވަނީ ޕީއެންސީގެ ކެންޑިޑޭޓުންގެ މައްޗަށް ކުރި ހޯއްދަވައިފައެވެ.

ވާދޫގެ ސިޔާސީ މިސްރާބު ބަދަލުވެގެންދިޔައީ ހަމައެކަނި ރަށު ކައުންސިލަކުން ނޫނެވެ. އެ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ތިން ގޮނޑި ވެސް މިފަހަރު ކާމިޔާބުކުރީ އެމްޑީޕީންނެވެ.

އެ ކޮމިޓީއަށް ހޮވިފައިވަނީ އާސިމާ ޢީސާ އާއި ޒާހިރާ މުޙައްމަދުގެ އިތުރުން އައިމިނަތު ސަލްމާއެވެ. މިއީ އެ ރަށުގެ ސިޔާސީ ތާރީޚުގައި ވެސް ފާހަގަކޮށްލެވޭ ފަދަ ތާރީޚީ ނަތީޖާއެކެވެ.



ކިޔުންތެރިންގެ ހިޔާލު