ރައީސް ނަޝީދު
ރައީސް ނަޝީދު
ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ދިވެހި ސިޔާސީ މައިދާނުގައި އާދަޔާޚިލާފު މަޤުބޫލުކަމެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. އިއްޔެ ސޯޝަލް މީޑިއާގައި ދައުރުވި ދެ ފޮޓޯއަކުން ފެނިގެންދަނީ އެމަނިކުފާނަށް ރައްޔިތުންގެ ހިތްތަކުގައި އޮތް ލޯތްބާއި ގަދަރު، ޒަމާން ބަދަލުވިޔަސް ފަނޑުވުމެއް ނެތި ދެމިއޮތް މަންޒަރެވެ.

މި ދެ ފޮޓޯއަކީވެސް އިސްލާމީ މަރުކަޒުގައި ހުކުރު ނަމާދު ކުރައްވައިގެން ނުކުމެވަޑައިގެން ރައްޔިތުންނާ ސަލާމްކުރައްވާ މަންޒަރު ދައްކުވައިދޭ ދެ ފޮޓޯއެވެ. ފުރަތަމަ ފޮޓޯއިން ފެންނަނީ ރައީސް ނަޝީދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނެވި ދުވަސްވަރު، މީގެ 15 އަހަރުކުރިން ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށްފަހު ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި ސަލާމްކުރައްވާ އުފާވެރި މަންޒަރެވެ. އޭރުވެސް އެމަނިކުފާނުގެ ވަށައިގެން އެއްވެފައިވާ މީހުންގެ މޫނުމަތިން ފެންނަނީ އުޖާލާކަމާއި އުފާ ފާގަތި ކަމެވެ. މިއީ އެމަނިކުފާނުގެ އިޚްލާޞްތެރިކަމާއި އަދި ވެރިކަމުގެ ދައުރުގައި އެމަނިކުފާނު ރައްޔިތުންނާ ބޭއްވެވި ގާތް ގުޅުން ރަމްޒުކޮށްދޭ ތާރީޚީ ހެއްކެކެވެ.

ދެވަނަ ފޮޓޯއަކީ އިއްޔެގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުން ނުކުމެވަޑައިގެންނެވި ވަގުތު ނަގާފައިވާ ފޮޓޯއެކެވެ. ވެރިކަމުގެ ބާރުތަކާ ދުރުގައި ހުންނެވި ނަމަވެސް، ރައްޔިތުން އެމަނިކުފާނާ ބައްދަލުކުރުމަށް ހުންނަ ޝައުޤުވެރިކަމަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. އިއްޔެގެ އެ މަންޒަރުންވެސް ފެނިގެންދިޔައީ ގިނަ އަދަދެއްގެ ރައްޔިތުން އެމަނިކުފާނާ ސަލާމްކޮށް، ޙާލުބަލައި ހެދުމަށް ކެތްމަދުވެފައި ތިބި މަންޒަރެވެ.

މި ދެ ފޮޓޯގެ އަޅާކިޔުމުން ސިޔާސީ ދިރާސާވެރިންނާއި އާންމުން ފާހަގަކުރާ އެންމެ މުހިންމު ކަމަކީ، މަޤާމާއި ނުފޫޒަށްވުރެ ބޮޑަށް، އިޚްލާޞްތެރިކަމާއި އިންސާނިއްޔަތުކަމާއި ރައްޔިތުންނާ ބާއްވާ ގާތް ގުޅުމުގެ ސަބަބުން އުފެދޭ ލޯތްބަކީ ދާއިމީ އެއްޗެއް ކަމެވެ. މި ދެ ފޮޓޯގެ ދެމެދުގައި 15 އަހަރުގެ ފަރަގެއް ހުރިނަމަވެސް، ރައްޔިތުންގެ ހިތްތަކުގައި ރައީސް ނަޝީދަށް އޮތް ޤަދަރާއި ލޯބި ފެންނަނީ ހަމަ ކުރިއެކޭ އެއްގޮތަށް ބިންވަޅުނެގިފައިވާ ކަމެވެ. ރައްޔިތުން އުފާ ފާގަތި ދިރިއުޅުމެއް ބިނާ ކުރެވޭނީ އަދިވެސް އެމަނިކުފާނު ފަދަ އޯގާތެރި އިޙްލާސްތެރި ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތައް ހޯއްދަވައި ދެއްވި ލީޑަރަކަށެވެ.



ކިޔުންތެރިންގެ ހިޔާލު