ކުރީގެ ރައީދް މުހައްމަދު ނަޝީދު-
ކުރީގެ ރައީދް މުހައްމަދު ނަޝީދު-
އެމްޑީޕީގެ އެންމެ އިސް ނިންމުންތައް ނިންމާ ގައުމީ މަޖިލީހަކީ ހުރިހާ އުމުރުފުރައެއްގެ ބޭފުޅުން ހިމެނޭ ތަނަކަށް ވާންޖެހޭ ކަމަށާއި، ޕާޓީ ކުރިއަށް ގެންދިއުމުގައި ޒުވާނުންނާއި ތަޖުރިބާކާރު އިސް ބޭފުޅުންގެ ދައުރު މުހިންމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ ޕާޓީގެ ވަރުގަދަކަން ދެމެހެއްޓޭނީ ތަފާތު ޖީލުތަކުގެ ބޭފުޅުން ގުޅިގެން މަސައްކަތް ކޮށްގެން ކަމަށެވެ.

"އެމްޑީޕީގެ ގައުމީ މަޖިލީހަށް ބޭނުންވަނީ ހުރިހާ އުމުރެއްގެ މީހުން. ޒުވާނުންނާއި ތަޖުރިބާ ހުރި ހަރު މީހުންވެސްމެ،" ނަޝީދު ވިދާޅުވިއެވެ.

ޕާޓީގެ އެކި މަގާމުތަކަށް ކުރިމަތިލާ ބޭފުޅުންނަށް އިޝާރާތް ކުރައްވަމުން ނަޝީދު އިތުރަށް ވިދާޅުވީ، ޕާޓީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން އަދިވެސް މަގާމުތަކަށް ޝައުގުވެރިކަން ފާޅުކުރުމަކީ ޕާޓީގެ ކުރިމަގަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

"ޕާޓީގައި ތިއްބެވި ތަޖުރިބާހުރި ބޭފުޅުން މަގާމުތަކަށް ޝައުގުވެރިވުމަކީ ޕާޓީއަށް ފައިދާވާނެ ކަމެއްގެ ގޮތުގައި އަޅުގަނޑު ދެކެން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިގޮތަށް ވާހަކަދައްކަވާފައި މިވަނީ، އެމްޑީޕީގެ އިސް ސަފަށް ޒުވާނުން ގެނައުމުގެ މުހިންމުކަމާ މެދު ބައެއް ފަރާތްތަކުން ޚިޔާލު ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު