ކުރީގެ މެންބަރު ޔައުގޫބް
ކުރީގެ މެންބަރު ޔައުގޫބް
މިނިވަން މުއައްސަސާތަކާއި ޖުޑީޝިއަރީގެ ބާރުވެރިކަން ދެމެހެއްޓުމަށް ގޮވާލައްވަމުން، ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުގޫބް އަބްދުﷲ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ، މިހާރު ފެންނަމުންދަނީ ބަލިކަށި އަދި "ވަގުތީ" ސަރުކާރެއް ކަމަށާއި، ދައުލަތުގެ ބާރުތަކުން ސަރުކާރުގެ ނުފޫޒަށް ބިރުގަންނަންޖެހޭ އެއްވެސް ސަބަބެއް މިހާރު ނެތް ކަމަށެވެ.

ޔައުގޫބް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން މުއައްސަސާތަކުގެ ކޮންޓްރޯލް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް، އެންމެ ފަހުން ބޭއްވުނު އިންތިޚާބުގެ ނަތީޖާއިން ރައްޔިތުން ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ސާފުކޮށް "ނޫނެކޭ" ބުނެފައެވެ. އޭނާ ސިފަކުރެއްވި ގޮތުގައި، މިއީ ތާރީޚީ ގޮތުން ސަރުކާރަކަށް ލިބުނު ލަދުވެތި ނަތީޖާއެކެވެ. އެހެންކަމުން، މުއައްސަސާތަކުގައި ތިއްބެވި ބޭފުޅުންނާއި ފަނޑިޔާރުގެތަކުން ދެން މަސައްކަތް ކުރަންވާނީ ސަރުކާރުން ބޭނުންވާ ގޮތަށް ނޫން ކަމަށާއި، ރައްޔިތުންގެ ހަގީގީ ވިންދާ އެއްގޮތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ހިންގުމާ ގުޅޭގޮތުން އިތުރަށް ވާހަކަދައްކަވަމުން ޔައުގޫބް ވިދާޅުވީ، ވަޒީފާގެ ބިރުދެއްކުމާއި ރައްޔިތުންނަށް އޮޅުވާލުމަކީ މި ސަރުކާރުގެ މައިގަނޑު އުކުޅުތައް ކަމަށެވެ. އަދި އިންތިޚާބާ ދިމާކޮށް ރައީސް މުއިއްޒު ރަށްރަށަށް ވަޑައިގެން ބިންގާ އެޅުއްވި މަޝްރޫއުތަކަކީ ވޯޓަށް ނުފޫޒު ފޯރުވަން ކުރެއްވި ކަންކަން ކަމަށް ތުހުމަތު ކުރެއްވިއެވެ. ނަމަވެސް، މިހާރު ސަރުކާރުގެ ބާރު ކެނޑިފައިވާ ކަމަށާއި، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު އެމް.ޑީ.ޕީން ބޮޑު ތަފާތަކުން ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ އިތުބާރު އެބައޮތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު