ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މީމު އަތޮޅުގެ ކުރީގެ މެންބަރު އަހްމަދު ޝަފީގް (ސައްޕެ) (ވ)
ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މީމު އަތޮޅުގެ ކުރީގެ މެންބަރު އަހްމަދު ޝަފީގް (ސައްޕެ) (ވ)
އެމްޑީޕީގެ މަދު ބަޔަކަށް ގަބޫލުކުރަން ދަތިވި ނަމަވެސް، އެމްޑީޕީގެ އާންމު މެންބަރުން ބޭނުންވަނީ ރައީސް މުޙައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އެކުގައި ފެންނަން ކަމަށް އެޕާޓީގެ ފައުންޑިން މެންބަރު އަދި ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ މީމު އަތޮޅުގެ ކުރީގެ މެންބަރު އަހްމަދު ޝަފީގް (ސައްޕެ) ވިދާޅުވެއްޖެއެވެ.

ސައްޕެ މިހެން ވިދާޅުވީ، ކައުންސިލް އިންތިޚާބުގައި އެމްޑީޕީއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސުންނަށް ވާހަކަ ދެއްކުމުގެ ފުރުސަތު ނުލިބި އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވުމާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން މީސްމީޑިއާގައި ސައްޕެ ވިދާޅުވީ، އެމްޑީޕީއަށް މި ފަހުން ލިބިގެންދިޔަ "ރަންރީދޫ" ބޮޑު ކާމިޔާބީގެ އަސްލަކީ ރައީސް ނަޝީދު އެމްޑީޕީއާ ގުޅިވަޑައިގެން، ރައީސް ޞާލިޙާއި ދެ ރައީސުންގެ ގުޅުން އިއާދަވުން ކަމަށެވެ. އަދި ދެ ބޭފުޅުން ބައްދަލު ކުރަށްވައި، ކައުންސިލް އިންތިޚާބުގެ ކެމްޕެއިނަށް ނިކުމެވަޑައިގެން ކުރެއްވި ކާމިޔާބު މަސައްކަތްތަކުގެ ނަތީޖާ މިއަދު ފެންނަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޚާއްޞަކޮށް ކެމްޕެއިން ނިންމާލުމަށް ބޭއްވި ހިނގާލުމުގައި ދެ ރައީސުން އެކީގައި ފެނިގެން ދިއުމަކީ ޕާޓީގެ އާންމު މެންބަރުންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ސައްޕެ ވިދާޅުވިއެވެ. ހަމައެއާއެކު ސައްޕެ ވިދާޅުވީ، ޕާޓީގެ އެތެރޭގައި ތިބި ދެތިން ހަތަރު މީހަކަށް މިކަން ހަޖަމްކުރަން ދަތިވި ނަމަވެސް، މިއީ ރައްޔިތުންނާއި ޕާޓީގެ މެންބަރުން އެދޭ ގޮތް ކަމަށެވެ.

"މީ ރައްޔިތުން އެދޭގޮތް، މީރައްޔިތުން ބޭނުންވާގޮތް!" ސައްޕެ ވިދާޅުވެފައިވެއެވެ.

ސައްޕެ މިހެން ވިދާޅުވެފައިވާއިރު، މިދިޔަ ދުވަސްތަކުގައި ދެ ރައީސުންގެ މެދުގައި އުފެދުނު ސިޔާސީ ޚިޔާލު ތަފާތުވުންތަކަށްފަހު، އަލުން ދެ ބޭފުޅުން އެކުގައި މަސައްކަތް ކުރަށްވަން ފެއްޓެވުމަކީ އެމްޑީޕީގެ ކުރިމަގަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.

ނަމަވެސް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުތައް ދެރައީސުންގެވެސް ބުރަ މަސައްކަތާއެކު އެމްޑީޕީއަށް ކާމިޔާބުވެފައިވާތީ، އެކަން ފާހަގަ ކުރުމަށް ރޭ ބޭއްވި ޚާއްސަ ޖަލްސާގައި ރައީސް ނަޝީދަށް ވާހަކަ ދައްކަން ދިން ފުރުސަތު ފަހުވަގުތު ކެންސަލް ކުރުމުން އެމްޑީޕީގެ އެތެރޭގެ މަސްރަހު ހޫނުވެ ލީޑަރޝިޕްގެ އިސްތިއުފާއަށް ގޮވާލާ އަޑުތައް ވަނީ ގަދަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު