އެމް.ޑީ.ޕީ އަންހެނުންގެ ރޫހުގެ ނާއިބު ރައީސް މަރިޔަމް އީމާ ޝަފީގް
އެމް.ޑީ.ޕީ އަންހެނުންގެ ރޫހުގެ ނާއިބު ރައީސް މަރިޔަމް އީމާ ޝަފީގް
މިހާރުގެ ސަރުކާރު ހިންގާ ޕީ.އެން.ސީގެ ސިޔާސަތުތަކުގެ ސަބަބުން ރާއްޖޭގެ ސިއްހީ ނިޒާމު އިނދަޖެހި، ރަށްރަށުގެ ސިއްހީ މަރުކަޒުތައް ވީރާނާވަމުންދާ ކަމަށް ބުނެ އެމް.ޑީ.ޕީ އަންހެނުންގެ ރޫހުގެ ނާއިބު ރައީސް މަރިޔަމް އީމާ ޝަފީގް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އީމާ ވިދާޅުވީ، ސިއްހީ ނިޒާމަށް ދިމާވެފައިވާ މިފަދަ ބޮޑެތި ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމަށް ސަރުކާރުން އެއްވެސް މަސައްކަތެއް ކުރަމުން ނުދާ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ހިދުމަތްތަކަށް ބުރޫއަރާފައިވާ ކަމަށެވެ.

ސަރުކާރުން ތަރައްގީގެ ނަމުގައި ހިންގާ މަޝްރޫއުތަކަށް އިޝާރާތް ކުރައްވަމުން އީމާ ފާހަގަކުރެއްވީ، ރަށްރަށުގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށް ބުނެ އެކި ތަންތަން ކޮނެފައި ހުރުމުގެ ސަބަބުން މަދިރި އާލާވުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށެވެ.

މީގެ ސަބަބުން ރަށްރަށުގައި ބަލިމަޑުކަން ފެތުރުމުގެ ބިރު ބޮޑުވެފައިވީ ނަމަވެސް، އެކަންކަން ހައްލުކުރުމުގެ ބަދަލުގައި ފެންނަނީ އިހުމާލުވަމުންދާ މަންޒަރު ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ރާއްޖޭގެ ސިއްހީ ނިޒާމު ފުނޑާލާފައިވާ ކަމަށް ތުހުމަތު ކުރައްވަމުން އީމާ ވިދާޅުވީ، ކުރީގެ ސަރުކާރުން ގާއިމުކޮށްފައިވާ ވަސީލަތްތައް ބެލެހެއްޓުމެއް ނެތި ދޫކޮށްލުމުގެ ނަތީޖާއަކީ މިއަދު ރައްޔިތުން ކަރުނަ އަޅަން ޖެހުން ކަމަށެވެ.

ސިއްހީ މަރުކަޒުތަކުގެ ހާލަތު ދަށްވެ، ބޭނުންވާ ބޭހާއި ވަސީލަތްތައް ނުލިބުމުގެ ޝަކުވާ ރަށްރަށުން އިތުރުވަމުންދާއިރު، ސަރުކާރުގެ އިސްވެރިން މިކަންކަމަށް ފިއްލަވައިގެން ތިއްބެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު