މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މަގުމަތީގެ ރައްކާތެރިކަން ކަށަވަރުކޮށް، އެކްސިޑެންޓްތައް މަދުކުރުމުގެ މަޤްޞަދުގައި ތައިލެންޑް ސަރުކާރުން އެކުލަވައިލި ހަރުކަށި ޓްރެފިކް އުސޫލުތައް ތަންފީޒު ކުރުމުގެ މަރުހަލާ އޭޕްރީލް އެކަކުން ފެށިގެން ރަސްމީކޮށް ފަށައިފިއެވެ.

މިދިޔަ މާޗް 31 ވަނަ ދުވަހު "ގްރޭސް ޕީރިއަޑް" ނުވަތަ ލުއިދީފައިވާ މުއްދަތު ހަމަވުމާއެކު، މިހާރު ޤަވާއިދާ ޚިލާފުވާ ފަރާތްތަކަށް ދޭ އަދަބުތައް ވަނީ ކުރިއަށްވުރެ އެތައް ގުނައެއް ބޮޑުވެފައެވެ. އެގޮތުން ބައެއް ކުށްތަކަށް ޖަލު ހުކުމްވެސް އަންނަ ގޮތަށް ހަމަޖެހިފައިވާއިރު، މީގެ މައިގަނޑު އަމާޒަކީ މަގުމަތީގެ އަދަބުވެރިކަން ރަނގަޅު ކުރުމެވެ.

ތައިލެންޑަކީ ބާރު ސްޕީޑުގައި ދުއްވުމާއި މަސްތުވެގެން ދުއްވުމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓްތައް ގިނަ ޤައުމެކެވެ. ކަމާބެހޭ ފަރާތްތަކުން ބުނީ މި ފިޔަވަޅުތަކަކީ ހަމައެކަނި އަދަބު ދިނުމުގެ ބަދަލުގައި، މީހުންގެ ސުލޫކަށް ހެޔޮ ބަދަލެއް ގެނައުމަށް އަޅާ ފިޔަވަޅުތަކެއް ކަމަށެވެ. މީގެ ކުރިން ޓްރެފިކް މެނޭޖްމަންޓް ސެންޓަރުން ވަނީ "ޖޫރިމަނާ ކުރުމުގެ ކުރިން އިންޒާރު ދިނުން" ފަދަ ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމްތަކެއް ހިންގާފައެވެ.

އައު ޤަވާއިދުގެ ދަށުން މޮނިޓަރކޮށް އަދަބުދޭނެ މައިގަނޑު ކަންތައްތައް:

ބާރު ސްޕީޑްގައި ދުއްވުން: ކުރިން 1،000 ބާތުން ޖޫރިމަނާކުރި ނަމަވެސް، މިހާރު 4،000 ބާތާ ހަމައަށް ޖޫރިމަނާ ކުރާނެއެވެ.

ޓްރެފިކް ރަތް ލައިޓަށް ނުހުއްޓުން: މި ކުށަށްވެސް 4،000 ބާތާ ހަމައަށް ޖޫރިމަނާ ކުރެވޭނެއެވެ.

ޒީބްރާ ހުރަހަށް ސަމާލުކަން ނުދިނުން: ހިނގާ މީހުންނަށް އިސްކަން ނުދީ ޒީބްރާ ހުރަސް މަތިން ދުއްވައިފިނަމަ 4،000 ބާތުން ޖޫރިމަނާ ކުރާނެއެވެ.

ދުއްވާއިރު ފޯނު ބޭނުންކުރުން: ހެންޑްސް ފްރީ ނުކޮށް ފޯނު ބޭނުންކުރާނަމަ 4،000 ބާތުން ޖޫރިމަނާ ކުރާނެއެވެ.

ޓްރެފިކާ އިދިކޮޅަށް ދުއްވުން: ޖޫރިމަނާ ވަނީ 500 ބާތުން 2،000 ބާތަށް އިތުރުކޮށްފައެވެ.

ހެލްމެޓް ނޭޅުން: ދުއްވާ މީހާއާއި ފަހަތުގައި އިންނަ މީހާ ހެލްމެޓް ނާޅާނަމަ ކޮންމެ މީހަކު 2،000 ބާތުން ޖޫރިމަނާ ކުރާނެއެވެ.

ސީޓް ބެލްޓް ނޭޅުން: ޑްރައިވަރާއި ހުރިހާ ފަސިންޖަރުން ސީޓް ބެލްޓް ނާޅާނަމަ 2،000 ބާތުން ޖޫރިމަނާ ކުރާނެއެވެ.

ލައިސަންސް ނެތި ދުއްވުން: 1،000 ބާތުގެ ޖޫރިމަނާއެއްގެ އިތުރުން އެއް މަސް ދުވަހުގެ ޖަލު ހުކުމެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

މަސްތުވެގެން ދުއްވުން: 5،000 އާއި 20،000 ބާތާ ދެމެދުގެ ޖޫރިމަނާއެއްގެ އިތުރުން އެއް އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެއެވެ.

ފަރުވާކުޑަކޮށް ދުއްވުން: ރައްކާތެރިކަމަށް ބެލުމެއް ނެތި ދުއްވާނަމަ 5،000 އާއި 20،000 ބާތާ ދެމެދު ޖޫރިމަނާކޮށް، އެއް އަހަރަށް ޖަލަށްލެވޭނެއެވެ.

ތައިލެންޑް ސަރުކާރުން މަގުމަތީގެ ހަރުކަށި ޤަވާއިދެއް ތަންފީޒު ކުރަން ފަށާފައިވާއިރު، ތައިލެންޑްގައި ދިރިއުޅޭ އަދި އެ ޤައުމަށް ޒިޔާރަތްކުރާ ދިވެހިން މި ޤަވާއިދުތަކަށް އިތުރަށް އަހުލުވެރި ކުރުވުމުގެ މަސައްކަތް ތައިލެންޑްގައި ހުންނަ ދިވެހި އެންބަސީން ކުރަން ޖެހޭކަމަށް ބައެއް ދިވެހިން ދަނީ ބުނަމުންނެވެ. އަދި ދިގު މުއްދަތަށް ތައިލެންޑްގައި އުޅޭ ބައެއް ދިވެހިންނަށް ޑްރައިވިންގ ލައިސަންސް ހެއްދުމަށް ބޭނުންވާ ލިޔެކިއުންތައް ހޯދުމުގައި ދިމާވާ ދަތިތައް ޙައްލު ކޮށްދިނުމަށް އެމްބަސީގެ އެހީތެރިކަން ނުލިބޭ ކަމުގެ ޝަކުވާގެ އަޑުތައްވެސް ވަނީ ގަދަވެފައެވެ.

އެގޮތުން ރާއްޖޭގެ ޓްރާންސްޕޯޓް މިނިސްޓްރީއާއި ފޮރިން މިނިސްޓްރީން ލިޔުންތައް ހޯދުމަށްފަހު، ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީން ލިޔުން ހޯދުމުގައި ދަތިތަކެއް ހުރިކަން ބައެއް ދިވެހިން ފާހަގަ ކޮށްފައިވެއެވެ. އަދި ބައެއް ހާލަތްތަކުގައި އެމްބަސީން، ތައިލެންޑްގެ އިމިގްރޭޝަނަށް ބޭނުންނުވާ ފަދަ ލިޔުންތައް (މިސާލަކަށް މައިންބަފައިންގެ ކައިވެނީގެ ސެޓްފިކެޓް) ހުށަހެޅުމަށް އެދޭކަމުގެ ޝަކުވާތައް ވެސް ވަނީ ފެންމަތިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު