ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިލްހާމް އަހުމަދު
ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިލްހާމް އަހުމަދު
ރާއްޖެ މިހާރު ދަތުރުކުރަމުންދަނީ ހުދުމުހުތާރު ވެރިކަމަކާ ދިމާލަށް ކަމަށް ވިދާޅުވެ، މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ދެ ދައުރެއްގައި މެންބަރުކަން ކުރައްވާފައިވާ އިލްހާމް އަހުމަދު މިހާރުގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

އެމް.ޑީ.ޕީ އިން ރޭ ބޭއްވި ކަންމަތީ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވީ، ރާއްޖޭގެ ތާރީހުގައި ލިޔެވިފައިވާ މިސްރާބު މިއަދު މުޅިން އެހެން ދިމާލަކަށް ބަދަލުވަމުންދާ ކަމަށާއި، މިކަމާ މެދު ރައްޔިތުން ވަރަށް ބޮޑަށް ހޭލުންތެރިވާންޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް، ގާނޫނުއަސާސީއަށް ގެންނަން އުޅޭ ބަދަލުތަކަކީ މިފަދަ ހުދުމުހުތާރު މިސްރާބަކަށް މަގުފަހިކުރުމަށް ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

އިލްހާމްގެ ވާހަކަފުޅުގައި މާލޭ ސިޓީގެ މޭޔަރު ހޮވުމަށް ބޭއްވުނު އިންތިހާބަށް އަލިއަޅުވާލައްވަމުން ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް އޮޅުވާލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ޓިކެޓާއި ވޯޓު ބޭނުންކޮށްގެން، ޕާޓީގެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް ބާރުއަޅަމުންދާ ދިއުމަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ މަޖިލިސް މެންބަރުންނަށް ޓިކެޓް ލިބެނީ ރައީސް ހުއްދަ ދެއްވުމުން ކަމަށް ވިދާޅުވެ، މިއީ ޑިމޮކްރަސީގެ އުސޫލުތަކާ ހިލާފު ކަމެއްގެ ގޮތުގައި އިލްހާމް ސިފަކުރެއްވިއެވެ.

މީގެ އިތުރުން، އިދިކޮޅު ކެންޑިޑޭޓް އާދަމް އާޒިމަށް ތާއީދު ކުރައްވަމުން އިލްހާމް ވިދާޅުވީ، މާލޭގެ ރައްޔިތުން މިފަހަރު ނިކުމެ ބޮޑު ތަފާތަކުން އާޒިމް ހޮވަންޖެހޭ ކަމަށެވެ.

ސަރުކާރުގެ ނުފޫޒުތަކުން ސަލާމަތްވެ، ހަމަހަމަކަމާއި ތަރައްގީއަށްޓަކައި މަސައްކަތްކުރާނެ މޭޔަރަކު ހޮވުމަކީ މާލޭގެ މުސްތަގުބަލަށް ކޮންމެހެން މުހިންމު ކަމެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. ސަރުކާރުން ހިންގާ ރަސްމާލެ ފަދަ ބޮޑެތި މަޝްރޫއުތަކަކީ ވަކި ބަޔަކަށް ފައިދާވާ ގޮތަށް ރޭވިފައިވާ ކަންކަން ކަމަށް ދޭހަވާ މޭރުމަކުންވެސް އޭނާ ވަނީ ވާހަކަދައްކަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު