ރެފަރެންޑަމް ނުވަތަ ފެންނަ ނުފެންނަ ވޯޓަކާ ގުޅޭގޮތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައާ މެދު އެ ކޯޓުން އަމަލުކުރާ ގޮތަކުން ކޯޓުގެ މިނިވަންކަން ހާމަވެގެންދާނެ ކަމަށް ދާންދޫ ދާއިރާގެ ކުރީގެ މެންބަރު ޔައުޤޫބް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ނޫނެކޭ" ކެމްޕޭން ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޔައުޤޫބް ފާހަގަކުރެއްވި ގޮތުގައި، ދިވެހި ރައްޔިތުން ސުޕްރީމް ކޯޓަށް ކުރަމުންދާ އިތުބާރު މިހާރު ގެއްލެމުންދާ ކަމަށާއި، ކޯޓު ހިނގަމުން އައި ގޮތް ބަދަލުވަމުންދާ ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް މައްސަލައެއް ހުށަހެޅުމުން ކަންކަން ހިނގައިދިޔަ ގޮތުން ރައްޔިތުންނަށް ގިނަ ކަންތައްތަކެއް ސާފުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔައުޤޫބް އިތުރަށް ވިދާޅުވީ، ވަކި މުއްދަތެއް ނެތް ގޮތަށް މައްސަލަތައް ފައިލްކޮށްފައި ބޭއްވުމަކީ ސުޕްރީމް ކޯޓުގައި އޮވެގެންވާނެ އުސޫލެއް ނޫން ކަމަށެވެ. އެގޮތުން މިހާރު ވެސް ފްލޯ ކްރޮސް ކުރުމުގެ މައްސަލަ ކޯޓުގައި އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުން އެމީހުންގެ ވާޖިބު އަދާކުރުމުގެ ގޮތުން ކޯޓަށް ހުށަހަޅަންޖެހޭ މައްސަލަތައް ހުށަހެޅުމަކީ މުހިންމު ކަމެއް ކަމަށާއި، ކޯޓުގެ މިނިވަންކަން ވަޒަންކުރެވޭނީ އެ މައްސަލަތަކާ މެދު ކޯޓުން އަމަލުކުރާ ގޮތުން ކަމަށް ވެސް ޔައުޤޫބް ވިދާޅުވިއެވެ.

މީގެ އިތުރުން ޔައުޤޫބް ވިދާޅުވީ، އެމްޑީޕީގެ ވެރިކަން ފިޔަވައި އެހެން ވެރިކަންތަކުގައި އަބަދުވެސް ފެންނަނީ ސުޕްރީމް ކޯޓު އެއްކޮށް ހަލާކުކޮށްލާ މަންޒަރު ކަމަށެވެ.

އެމްޑީޕީން ވެރިކަމަށް އަންނަނީ ފަނޑިޔާރުގެ އިސްލާހުކުރުމުގެ ވަރުގަދަ ސިޔާސަތުތަކަކާ އެކު ކަމަށާއި، ނަމަވެސް އެހެން ސަރުކާރުތަކުން އެ ނިޒާމު ގަޑުބަޑުކުރާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މި ވާހަކަތަކަކީ ސަރުކާރުން ބާއްވަން އުޅޭ ރެފަރެންޑަމްއާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރެއިން ދެއްކެވި ވާހަކަތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު