ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، ސިޔާސީ ބާރުތައް އެމަނިކުފާނުގެ މުށުތެރެއަށް ޖަމާކުރުމަށްޓަކައި ގާނޫނުއަސާސީގެ ނިޒާމު ބަދަލުކުރުމަށް އަވަސްއަރުވާލައިގެން ކުރަމުންދާ މަސައްކަތްތަކާ މެދު އިދިކޮޅު އެމްޑީޕީން މިއަދު ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ހުށަހަޅުއްވާފައިވަނީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށެވެ. ރައްޔިތުންގެ މަޖިލީހުގައި އޮތް ސަރުކާރުގެ މެޖޯރިޓީ ބޭނުންކޮށްގެން، މިކަމާ ގުޅޭ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް މިހާރު ވަނީ ނިންމާފައެވެ. އެމްޑީޕީން ބުނީ މިއީ ސަރުކާރުގެ ފަސް އަހަރުގެ ދައުރުގެ ތެރޭގައި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ރައްޔިތުންނަށް ލިބިދޭ ފުރުސަތު ހަނިވެގެންދާނެ ބަދަލެއް ކަމަށެވެ.

ހަމައެއާއެކު އެމްޑީޕީން ބުނީ، މި އިސްލާހު މަޖިލީހުން ފާސްކޮށްފައިވަނީ އެކަށީގެންވާ ވަރަށް ބަހުސް ނުކޮށް ކަމަށެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީ މަރުހަލާގައި މިކަމަށް ދީފައިވަނީ އެންމެ ފަސް މިނެޓުގެ ވަގުތެއް ކަމަށާއި، މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރެވުނީ އެންމެ ދެ ގަޑިއިރަށް ކަމަށް އެ ޕާޓީން ބުނެފައިވެއެވެ. މި މުހިންމު ބަދަލާ ގުޅޭ ގޮތުން ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.

ސަރުކާރުން މި ބަދަލު ގެންނަން ބޭނުންވާ ސަބަބެއްގެ ގޮތުގައި ބުނަމުންދަނީ ޚަރަދު ކުޑަކުރުމާއި، އިންތިޚާބުތަކުގެ ސަބަބުން އުފެދޭ ބައިބައިވުން ނައްތާލައި އިޖުތިމާއީ އެއްބައިވަންތަކަން ގާއިމުކުރުމަށެވެ.

ނަމަވެސް އެމްޑީޕީން ބުނީ މިއީ ދެއްކޭ ވަރަށް ބަލިކަށި އުޒުރުތަކެއް ކަމަށެވެ. އަދި މިފަދަ ބޮޑު ބަދަލެއް ގެންނައިރު ގައުމީ ފެންވަރުގައި މަޝްވަރާ ކުރުމުގެ ބަދަލުގައި، އޭޕްރީލް 4 ގައި ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާ މި ވޯޓު އެއްކޮށްލުމަކީ، ރައްޔިތުންނަށް މިކަމުގެ މައުލޫމާތު ރަނގަޅަށް ފޯރުކޮށްނުދީ ކުރާ ކަމެއްގެ ގޮތުގައި އެ ޕާޓީން ސިފަ ކޮށްފައިވެއެވެ.

އިލެކްޝަންސް ކޮމިޝަނުން އެމްޑީޕީއާ އެކު ބޭއްވި ބައްދަލުވުންތަކުގައި، ގާނޫނުން ލާޒިމްކުރާ މިންވަރަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ މަސައްކަތް ކުރުމަށް ފުރުސަތު ލިބިފައިނުވާކަން ހާމަކޮށްފައިވާ ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ. މީގެ އިތުރުން ދައުލަތުގެ މީޑިއާ، ޕީއެސްއެމް އިން ސަރުކާރުގެ ކެމްޕޭނަށް ފުރުސަތު ދޭ މިންވަރަށް، މި ބަދަލާ ދެކޮޅަށް ވަކާލާތު ކުރާ ފަރާތްތަކަށް ފުރުސަތު ނުދޭކަމުގެ ޝަކުވާވެސް އެމްޑީޕީން ވަނީ ކޮށްފައެވެ.

އޭގެއިތުރުން އެމްޑީޕީން ބުނެފައިވަނީ، މިއީ ސަރުކާރުން ބާރުތައް މަރުކަޒުކޮށް، ދައުލަތުގެ މުއައްސަސާތައް އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ބޭނުންކޮށް، ގާނޫނީ ހުކޫމަތަށް އިހުތިރާމް ކުޑަކުރަމުންދާ ދިއުމުގެ ތެރެއިން ހިންގާ އަމަލެއް ކަމަށެވެ. އެހެންކަމުން، ބައިނަލްއަގުވާމީ މުޖުތަމައުން މިކަންކަން ގާތުން ބަލައި، ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި މަޝްވަރާ ނެތި ގާނޫނުއަސާސީއަށް ބަދަލު ނުގެނައުމަށް ރައީސް މުޢިއްޒުގެ ސަރުކާރަށް ބާރުއެޅުމަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު