ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް މަގުފަހިކުރުމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހާ ގުޅޭގޮތުން ނަގާ ރެފަރެންޑަމްގައި ރައްޔިތުންނާ ކުރަން ނިންމާފައިވާ ސުވާލަކީ ޤާނޫނުއަސާސީއާ ޚިލާފު، ސައްޙަ ނޫން ސުވާލެއް ކަމަށް ސްޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ސުޢޫދު ވިދާޅުވީ، ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ އުމުރަށް ބަދަލު އަންނަ ފަދަ އިސްލާހެއް ތަސްދީޤު ކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން އެކަމަށް އާނބަސް ލިބިގެން ކަމަށެވެ. ނަމަވެސް މިހާރު ތައްޔާރުކޮށްފައިވާ ރެފަރެންޑަމްގެ ސުވާލު ފަރުމާކޮށްފައިވަނީ މަޖިލީހުގެ ދައުރު ކުރުކުރާކަން ރައްޔިތުންނަށް ވަންހަނާވާ ގޮތަށް ކަމަށް ސުޢޫދު ތުހުމަތު ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނެރުއްވާފައިވާ ގަރާރުގައިވާ ގޮތުން ރެފަރެންޑަމްގައި އަހާނީ "ޤާނޫނުއަސާސީއަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރެއްވުމަށް ފެނޭތޯ؟" އެވެ. ސުޢޫދު ވިދާޅުވީ މިއީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ކުރަންޖެހޭ ސުވާލެއް ނޫން ކަމަށެވެ. އޭގެ ބަދަލުގައި އަހަންޖެހޭނީ މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރު 5 އަހަރަށްވުރެ ކުރުކުރަން ފެނޭތޯ ކަމަށް ސުޢޫދު ފާހަގަކުރެއްވިއެވެ.

"މިހާރު ފަރުމާކޮށްފައިވާ ސުވާލަކީ ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ތެރެއިން ފަރުމާކުރެވިފައިވާ ސުވާލެއް ނޫން. ސަބަބަކީ އެ ބިލުގައި ރައްޔިތުންކުރެން އަހަން ނުޖެހޭ އެތައް ކަމެއް ހިމެނިފައިވާއިރު، އެ ހުރިހާ ކަމެއް އެއްކޮށްލައިގެން ސުވާލު ނުކުރެވޭނެތީ." ސުޢޫދު ލިޔުއްވާފައިވެއެވެ.

މީގެ އިތުރުން، މަޖިލީހުން ފާސްކޮށްފައިވާ ބިލުގެ 4 ވަނަ މާއްދާގައި ހުރި ބައެއް އިބާރާތްތަކާ މެދުވެސް ސުޢޫދު ވަނީ ސުވާލު އުފައްދާފައެވެ. އޭނާ ވިދާޅުވި ގޮތުގައި އެ މާއްދާ ޤާނޫނުއަސާސީގެ ބަޔަކަށް ނުވާނަމަ، މިހާރު ހިނގަމުންދާ މަޖިލީހުގެ އުމުރު ހަމަވާނެ ތާރީޚެއް ޤާނޫނުއަސާސީގައި ބަޔާންވެގެން ނުދާނެއެވެ. އޭގެ ނަތީޖާއަކަށް ވާނީ މިހާރު އޮތް މަޖިލިސް 2029 ވަނަ އަހަރުގެ މޭ މަހުގެ ނިޔަލަށް ދެމިގެން ދިއުން ކަމަށްވެސް ސުޢޫދު ވިދާޅުވިއެވެ.

މި ރެފަރެންޑަމް ބޭއްވުމަށް ސަރުކާރުން ނިންމާފައިވަނީ، އިންތިޚާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ޚަރަދު ކުޑަވެ، ރައްޔިތުންނަށް ފަސޭހަވާނެ ކަމެއް ކަމަށް ބުނެއެވެ. ނަމަވެސް، ޤާނޫނީ މާހިރުންގެ މެދުގައި މިކަމުގެ އިޖުރާއާތުތަކާ މެދު ވަނީ ބަހުސް އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު