ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ
ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ
ގައުމެއްގެ ހަމަޖެހުން ބިނާވެފައި އޮންނަނީ އެ ގައުމެއްގައި އަދުލު އިންސާފު ގާއިމުކޮށްފައި އޮންނަ މިންވަރެއްގެ މައްޗަށް ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވާންވާނީ ހަމަހަމަކަމަށް ލޯބިކުރާ އަދި އިންސާފު ގާއިމުކުރުމަށް އެއްބާރުލުންދޭ ބަޔަކަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުން އަދި ކައުންސިލަރުންގެ މުސާރައާއި އެލަވަންސްތައް ބޮޑުކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި ކުރުން އިއުލާނު ކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، އަދުލު އިންސާފު ގާއިމުކުރުމަށް މަގުފަހިވާ ގޮތަށް މަސައްކަތް ކުރުމަކީ ރައްޔިތުންގެ މަންދޫބުންގެ އެންމެ އިސް މަސްއޫލިއްޔަތު ކަމުގައި ގަބޫލުކުރަން ޖެހޭ ކަމަށެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުން ގެންދަނީ ރާއްޖޭގެ އެކިއެކި ދާއިރާތަކުގައި ހުރި ތަފާތުތައް ނައްތާލުމަށް ކަމަށެވެ. އަދި ސަރުކާރުން ފޮނުއްވާ ގާނޫނުތަކަށް ހެޔޮ ބަދަލުތައް ގެނެސްދީ، ވެރިކަން ހިންގުމަށް ފަސޭހަކޮށްދިނުމުގެ ޒިންމާ މަޖިލީހުން ފުރިހަމައަށް އަދާކުރަމުންދާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، ގާނޫނުތަކަށް ބަދަލު ގެނައުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހެއް ދެމިއޮތުމުގެ މާނައަކީ ގާނޫނުތައް އިސްލާހުކުރުމާއި، ބަދަލުކުރުމާއި އަދި އުވާލަން ޖެހޭ ހާލަތްތަކުގައި އުވާލުން ކަމަށެވެ.

"އެހެން ނޫންނަމަ ގާނޫނުއަސާސީ އިސްލާހުވެ ތަސްދީގުކުރުމާ އެކީގަ ރައްޔިތުންގެ މަޖިލިސް އުވިގެން ދާނެ. ނުވަތަ ރައްޔިތުންގެ މަޖިލީހަށް ގާނޫނުއަސާސީއަކުން ގާނޫނު އިސްލާހުކުރުމާ، ގާނޫނު ބަދަލުކުރުމާ، ގާނޫނު އުވާލުމާ އަލަށް ގާނޫނުތައް ހެދުމުގެ ބާރު ދީފައެއް ނޯންނާނެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރީގެ އުސޫލުތައް އޮތް ގޮތުން ގާނޫނެއް ހަދަން ނުވަތަ އިސްލާހުކުރަން ޖެހުމުން އެއްކުރަން ޖެހެނީ ހާއްސަ މަޖިލީހެކެވެ. ނަމަވެސް، މިހާރު އަމަލުކުރަމުންދާ ފެހި ގާނޫނުއަސާސީން އެ ބާރާއި މަސްއޫލިއްޔަތު މަތިކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހާ ކަމަށްވާތީ، ޒަމާނާއި ވަގުތާއި ހާލަތާ އެއްގޮތަށް ގާނޫނުތަކަށް ބަދަލު ގެނައުމަކީ އެއްގޮތަކަށްވެސް ކަންބޮޑުވާންޖެހޭ ކަމެއް ނޫން ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

އަދި ގާނޫނުއަސާސީން މަޖިލީހާ ހަވާލުކޮށްފައިވާ އެ މުހިންމު ވާޖިބާއި މަސްއޫލިއްޔަތު 20 ވަނަ ރައްޔިތުންގެ މަޖިލީހުން ބަރާބަރަށް އަދާކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން ވެސް މަޖިލީހުގެ ރައީސް ވަނީ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް