އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު
ދިވެހިރާއްޖޭގައި ބޮޑެތި އިންވެސްޓްމަންޓްތައް ކުރާ ބޭރުގެ ކުންފުނިތަކުން ޤާނޫނުގައި ހުރި ބާގަނޑުތަކުގެ ބޭނުން ހިފައިގެން ދައުލަތަށް ދައްކަންޖެހޭ ޓެކުހަށް މަކަރު ހަދަމުންދާ ދިއުމަށް، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް ގެންނަ އިސްލާހާއެކު ނިމުމެއް އަންނާނެ ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ހުށަހެޅުއްވި މި އިސްލާހުގެ ބިލަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ، މި ބަދަލުގެ ސަބަބުން ދިވެހި ކޮންޓްރެކްޓަރުންނަށް ވިޔަފާރީގެ ބޮޑެތި ފުރުސަތުތަކެއް ފަހިވެ، ދައުލަތުގެ ޓެކްސް ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެ ކަމަށެވެ.

ފަލާހު ފާހަގަކުރެއްވި ގޮތުގައި، މިހާރު އަމަލުކުރަމުންދާ ޤާނޫނުގެ ދަށުން ބޭރުގެ ކޮންޓްރެކްޓަރުން ވިތުހޯލްޑިންގ ޓެކްސްގެ ގޮތުގައި ފަސް އިންސައްތަ މީރާއަށް ދައްކަން ޖެހުނުނަމަވެސް، ޤާނޫނުގައި ހުރި ބައެއް މާއްދާތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ގެއްލުން ދައްކައި، އެ ފައިސާ އަނބުރާ ހޯދުމުގެ ފުރުސަތު އެ ފަރާތްތަކަށް އޮވެއެވެ. ނަމަވެސް، އަލަށް ހުށަހެޅިފައިވާ އިސްލާހު ފާސްވުމުން، ވަކި ހަމައަކުން ކަނޑައެޅޭ ރޭޓެއްގައި ޓެކްސް ދައްކައިގެން މެނުވީ އެއްވެސް ބޭރު ކުންފުންޏަކަށް ރާއްޖެއިން ފުރައިގެން ނުދެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލެއްގެ ގޮތުން 100 މިލިއަން ޑޮލަރުގެ ރިސޯޓެއް ތަރައްގީކުރާ ނަމަ، ދައުލަތަށް 10 މިލިއަން ޑޮލަރު ޓެކުހުގެ ގޮތުގައި ދައްކަން މަޖޫބޫރުވާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އިސްލާހާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ހަގީގަތް އޮޅުވާލައި، މިއީ ދިވެހި ވިޔަފާރިތަކަށް ގެއްލުންވާނެ ކަމެއްގެ ގޮތުގައި ދައްކަން މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެ ފަލާހު ވަނީ ފާޑުވިދާޅުވެފައެވެ. އަދި ބަހުސްގައި ބައިވެރިވެވަޑައިގަތުމުގެ ކުރިން، ބިލު ފުރިހަމައަށް ދިރާސާކުރައްވައި ކިޔުއްވުމަށް އިދިކޮޅު މެންބަރުންނަށް އޭނާ ގޮވާލެއްވިއެވެ.

ފަލާހު އިތުރަށް ވިދާޅުވީ، ސިޔާސީ ގޮތުން ކަންކަމާ ދެކޮޅު ހެދުމުގެ ވިސްނުން އެއްކިބާކޮށް، ގައުމުގެ މާލިއްޔަތަށާއި ދިވެހި ކޮންޓްރެކްޓަރުންގެ ހައްގުގައި މި ބިލަށް އެންމެހައި މެންބަރުން ތާއީދުކުރައްވަން ޖެހޭ ކަމަށެވެ. މިއީ ދިވެހިރާއްޖޭގެ އިގްތިސާދީ ސިޔާދަތާއި މިލްކިއްޔާތު ހިމާޔަތްކުރުމަށް އެޅޭ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު