ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިންތިޚާބުތަކުގައި މަސައްކަތްކޮށްގެން ކާމިޔާބު ހޯދުމުގެ ބަދަލުގައި، އިންތިޚާބު "ވަގަށް ނެގުމުގެ" ވިސްނުން ގެންގުޅޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ވަހީދު ތުހުމަތު ކުރައްވައިފިއެވެ.

ރާއްޖެޓީވީގެ 'ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ، އައްޑޫ ސިޓީ މަރަދޫ ދާއިރާގައި އެމްޑީޕީގެ ކެންޑިޑޭޓުން ހުއްދަ ނަގައިގެން ޖަހާފައިވާ ޕޯސްޓަރުތަކުގެ ކުރިމަތީގައި، ވެރިކަން ކުރާ ޕީއެންސީގެ ކެންޑިޑޭޓުންގެ ޕޯސްޓަރުތައް ޖަހަމުންދާ ކަމަށެވެ. މިއީ މީގެ ކުރިން އިންތިޚާބުތަކުގައި ފެނިފައި ނުވާ ފަދަ ދަށު ދަރަޖައިގެ އަމަލުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ވަހީދު އިތުރަށް ވިދާޅުވީ ޕީއެންސީއަކީ އެއްވެސް އުސޫލެއް ނެތް ގޮތަށް އުފެދިގެން އައި ޕާޓީއަކަށް ވުމުން، އެ ޕާޓީގެ ކެމްޕެއިން ހަރަކާތްތަކުން ވެސް ފެންނަނީ އެއްވެސް ތަރުތީބެއް ނެތް މަންޒަރު ކަމަށެވެ. އަދި ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން އެމްޑީޕީގެ ކެންޑިޑޭޓުންނަށް ހުރަސްއެޅުމާއި، ކައުންސިލްތަކުން ދޭންޖެހޭ ހުއްދަތައް ލަސްކުރުމުގެ ޝަކުވާތައް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި ރީތި ކެމްޕެއިނެއް ހިންގުމުގެ ބަދަލުގައި، ގަދަބާރުންނާއި ފުރައްސާރަ ކުރުމުގެ ތެރެއިން ކަންކަން ކުރަން ސަރުކާރުން އުޅޭ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ވަހީދު ވިދާޅުވީ އިންތިޚާބުގެ ކުރީކޮޅު ވެސް ވާދަކުރާ ކެންޑިޑޭޓުންނަށް އެކި ކަހަލަ ހުށަހެޅުންތައް ހުށަހަޅައިގެން ނަންތައް އަނބުރާ ގެންދިއުމަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، މިހާރު ފެންނަނީ ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން އިންތިޚާބުގެ ނަތީޖާއަށް އަސަރު ފޯރުވަން މަސައްކަތް ކުރާ މަންޒަރު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު