ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އައްޑޫ ސިޓީއަށް ޒިޔާރަތް ކުރެއްވުމުން އެ ސިޓީގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

އަންގާރަ ދުވަހުގެ ރޭ އެމްޑީޕީގެ ކެމްޕެއިން ޓީމު އައްޑޫއަށް ވަޑައިގަތުމުން އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެއާޕޯޓަށް ނިކުމެ ޓީމަށް މަރުހަބާ ކިޔާފައެވެ.

އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީއަށް ކުރައްވާ މި ދަތުރުފުޅުގައި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އަހުމަދު ދީދީ އާއި، ޑރ. އިބްރާހިމް ދީދީ އަދި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން ޕާޓީގެ ބައެއް އިސް ބޭފުޅުންނާއި އާންމު މެންބަރުން ވެސް މި ވަފުދުގައި ހިމެނެއެވެ.

މި ދަތުރުފުޅުގެ ތެރެއިން އައްޑޫ އަދި ފުވައްމުލަކުގައި ވެސް ދޮރުން ދޮރަށް ހިނގައި ކެމްޕެއިން ކުރުމާއި، ޕާޓީގެ ޖަގަހަަތައް ހުޅުވުމުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ. މިއީ ކުރިއަށް އޮތް އިންތިޚާބުތަކަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީން ކުރިއަށް ގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މުހިންމު ދަތުރުފުޅެކެވެ.



ކިޔުންތެރިންގެ ހިޔާލު