މިހާރުގެ ސަރުކާރުން ރައްޔިތުން ބޭނުންވާ ކަންކަމާއި ރައްޔިތުންގެ ހާލުބަލަން ދަނީ ހަމައެކަނި އިންތިހާބުތަކާއި ވޯޓާ ދިމާކޮށް ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވަރުގަދަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުކުރައްވައިފިއެވެ.

އިދިކޮޅު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވީ ޑިމޮކްރެޓިކް ނިޒާމާ ބީރައްޓެހި ބަޔަކަށް ރައްޔިތުންގެ ގާތަށް ގޮސް ވޯޓު ހޯދަން ވާހަކަދެއްކުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް އެމީހުންގެ ޝަކުވާތަކާއި ނުވެހުރި ކަންކަމުގެ ވާހަކަ ދެއްކުމަށް ލިބޭ ހަމައެކަނި ފުރުސަތަކީ ވޯޓުގެ ޒަރީއާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ބައްލަވާ ބޭސްފަރުވާގެ ނިޒާމު އެހާ އުނދަގޫ، އާސަންދަ ހަމައެއް ނުޖެހޭ. ރައްޔިތުން އުޅެނީ ވަރަށް ދަތި ހާލުގައި. ތަކެތީގެ އަގު ބޮޑުވަނީ. ބުނި ތަރައްގީގެ މަޝްރޫއުތަކެއް ނުހިނގާ،" ރާއްޖޭގެ މިހާރުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ސަލީމް ވިދާޅުވިއެވެ.

ސަލީމް އިތުރަށް ވިދާޅުވީ ވޯޓު ބޯމަތިވުމުން ނޫނީ ސަރުކާރުން ރައްޔިތުންގެ ހާލު ބަލައިނުލާ ކަމަށެވެ.

"ރައްޔިތުންގެ ގާތަށް ވޯޓުގެ ކަންތައްތަކުގައި ގިނަގިނައިން ދިޔަވަރަކަށް ނޫނީ ކަމެއް ނުވެސް ހިގަނީ މި ރާއްޖޭގައި، ބައްލަވާ ކިތަށް ރަށުގައި ހުރި ކިތައް ކަންކަން ހިންގޭތޯ އެބަ މަސައްކަތް ކުރޭތޯ ކީއްވެތޯ ވޯޓެއް ބޯމަތިވެފައި އޮތީމާވޯޓު ބޯމަތިވެފައި އޮތީމަ އެހެން ނޫނީ ހޭވެސް އަހާނުލާނެ. މިހާރު ވަރުވަރުން ވަފުދުތައް ރަށްރަށަށް ދަތުރުކޮށް މީހުންގެ ހާލު ބަލާ ގެއަށް ގޮސް ކިހިނެއްތޯ ވެގެން އުޅެނީ ކޮބައިތޯ މައްސަލައަކީ މި އަހަނީ ވޯޓު ބޯމަތިވީމަ،" ސަލީމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ، މީގެ ހަގީގީ ބޭނުމަކީ ރައްޔިތުންގެ ގާތަށް ދާންޖެހޭ އަދަދު މަދުކުރުން ކަމަށާއި، އެކަމަށް އެމްޑީޕީން ތާއީދުކޮށްގެން ނުވާނެ ކަމަށެވެ. ސަލީމް ވިދާޅުވި ގޮތުގައި މަޖިލިސް މެންބަރުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން ތިބޭ ބަޔަކަށް ވާއިރު، މި ދެ އިންތިހާބަކީ މުޅިން ތަފާތު ދެ މަސައްކަތެއް ކުރާ ދެ ބަޔަކު ހޮވާއިންތިހާބުތަކެކެވެ.ހަރަދު ކުޑަކުރުމުގެ ނަމުގައި އިންތިހާބުތައް އެއްކޮށްލަން އުޅޭ އުޅުމަށް ފާޑުވިދާޅުވަމުން ސަލީމް ވިދާޅުވީ، އައިއެމްއެފް އިން ހުށަހަޅާފައިވާ ހަރަދު ކުޑަކުރުގެ އެޖެންޑާ ތަންފީޒު ކުރަން ސަރުކާރުން މަސައްކަތް ނުކުރާ ކަމަށެވެ.

"އެއްވެސް ވަރަކަށް ވަޒީފާތަކުގެ އަދަދު މަދެއް ނުކުރޭ. އާސަންދަ އެންސްޕާ ހިދުމަތްތައް ރިފޯމެއް ނުކުރޭ. ސަރުކާރުގެ މުއައްސަސާތަކުގެ އަދަދު މަދެއް ނުކުރޭ،" ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ ޚަރަދު ކުޑަކުރަން އެއްވެސް އިސްލާހީ ފިޔަވަޅެއް ނާޅައި، ކުއްލިއަކަށް އިންތިހާބުތައް އެއްކޮށްލައިގެން ހަރަދު ކުޑަކުރާ ވާހަކަ ދެއްކުމަކީ ރައްޔިތުންނަށް ކުރެވޭ މަލާމާތެއް ކަމަށެވެ. އެހެންކަމުން، އިންތިހާބުތައް އެއްކޮށްލުމަށް އެއްބަސްނުވެވޭނެ ކަމަށާއި އިންތިހާބުތައް ބާއްވަންވާނީ މިހާރުވެސް އޮތް ގޮތަށް ކަމަށް ސަލީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު