2026 އެޕްރީލް 4 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 ގައި ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ނުވަތަ ރަށަކަށް ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމުގެ ފުރުޞަތު މިއަދުން ފެށިގެން، 2026 ފެބުރުވަރީ 16 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށް އީސީން ހުލުވާލައިފިއެވެ.

އީސީން ބުނީ، މި މުއްދަތުގައި ރަޖިސްޓަރީވުމަށް އެދި ހުށަހަޅާނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ބޭނުންވާ ފަރާތްތަކުން ކަމަށެވެ. އަދި މީގެކުރިން ރިސޯޓެއްގައި ނުވަތަ ސިނާއީ މަސައްކަތްކުރާ ރަށެއްގައި ނުވަތަ ޖަލުގައި ނުވަތަ ރާއްޖެއިން ބޭރުގައި ވޯޓުލާން ރަޖިސްޓަރީކޮށްފައިވާ މީހުން މި އިންތިޚާބުގައި ވޯޓުލާ ތަންކަމަށް ރަޖިސްޓަރީވެފައިވާނީ އެމީހެއްގެ ދާއިމީ އެޑްރެހަށް ކަމަށް އީސީން ހާމަކޮށްފައިވެއެވެ.

އިންތިޚާބަށް ރީ-ރަޖިސްޓަރީ ވުމަށް އެދި ހުށަހަޅަން ޖެހެނީ އީސީގެ، ރީ-ރަޖިސްޓްރޭޝަން ޕޯޓަލް ނުވަތަ މައިޕޯޓަލް މެދުވެރިކޮށް އޮންލައިން ކޮށެވެ. އަދި މިހާރު ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތު، ޗެކްކުކުރުމަށް ބޭނުންވާ ފަރާތްތަކުން ވީއާރު ސްޕޭސް އައިޑީކާޑު ޖެއްސެވުމަށް ފަހު 1414 އެސް.އެމް.އެސް ފޮނުވުމުން ޗެކްކުރެވޭނެއެވެ.

އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާމި އިންތިޚާބުގައި ޖުމުލަ 294،937 މީހުންނަށް ވޯޓުލުމުގެ ހައްގު ވަނީ ލިބިފައެވެ. އީސީން މިހާރުވަނީ، އިންތިޚާބުގައި ވާދަކުރަށްވާ ކެންޑިޑޭޓުންގެ ގުރުއަތު ނެގުން މި ހަފުތާގެ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމައިފައެވެ. އަދި އެދުވަހާ ހަމައަށް ނަން އަނބުރާ ގެންދަން ބޭނުންވާ ކެންޑިޑޭޓުންނަށް އެ ފުރުސަތު އޮންނާނެއެވެ.

މިއިންތިޚާބުގައި ކައުންސިލްތަކަށް ޖުމްލަ 678 ކެންޑިޑޭޓުން އިންތިޚާބުކުރާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް 678 މެންބަރުން އިންތިޚާބު ކުރާނެއެވެ. މިއިންތިހާބުގައި ވާދަކުރުމަށް 2،994 ކެންޑިޑޭޓުން ފޯމު ހުށަހަޅާފައިވެއެވެ.

ހަމައެއާއެކު އީސީން ވަނީ، އިތުރު މަޢުލޫމާތު ބޭނުންވާނަމަ، 1414 އަށް ގުޅުމަށް އެދިފައެވެ. އީސީގެ މައި އިދާރާ އާއި، އިންތިޚާބާބެހޭ މަރުކަޒު ހުޅުވިފައި ހުންނާނީ، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރުފަހު 3:00 އަށެވެ. އަދި ހުކުރު ދުވަހު މެންދުރުފަހު 3:00 އިން ހަވީރު 6:00 އަށް ކަމަށްވެސް އީސީން މަޢުލޫމާތު ދެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް