އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލް
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް މުހައްމަދު ޝަކީލް
ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ މެންބަރުން ގަސްތުގައި އެހެން ސިޔާސީ ޕާޓީތަކަށް ބަދަލުކުރަމުންދާ ކަމަށް ބުނެ އެ ޕާޓީން ކުރަމުންދާ ތުހުމަތުތައް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދޮގުކޮށް، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

ޕީއެންއެފުން ވަނީ އީސީގެ ރައީސް މުހައްމަދު ޝަކީލަށް ބޮޑެތި ތުހުމަތުތަކެއް ކޮށް، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ހިންގައިދިނުމަށް އެދި ފުލުހުންގެ އިދާރާއަށް ވެސް ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ފުލުހުން ބަލައިގެންފައިވާ ކަމަށް ވެސް އެ ޕާޓީން ބުނެފައިވެއެވެ.

މި ތުހުމަތުތަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވަނީ، ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދުނީއްސުރެ އާންމުންނާއި ޕާޓީތަކުގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައި އޮތީ މީހުންނަށް ނޭނގި ސޮއި ފޯޖުކޮށްގެން ޕާޓީތަކަށް ވެއްދުމާއި ވަކިކުރުމުގެ މައްސަލަ ކަމަށެވެ. އެހެންނަމަވެސް، މި މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށްޓަކައި ޕާޓީތަކާ މަޝްވަރާކުރުމަށްފަހު، މެންބާޝިޕް ނިޒާމުގެ ތެރެއަށް 'އީ-ފާސް' ތައާރަފްކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އީސީން ހާމަކުރި ގޮތުގައި، މިހާރު ގާއިމުކުރެވިފައިވާ ޒަމާނީ ނިޒާމަކީ ދެފުށް ފެންނަ، އިތުބާރު ހުރި ނިޒާމެކެވެ. މި ނިޒާމުގެ ދަށުން ކޮންމެ މީހަކަށްވެސް ޕާޓީއަކަށް ވަދެވެނީ އަދި ވަކިވެވެނީ އެމީހެއްގެ އަމިއްލަ އީ-ފާސް މެދުވެރިކޮށް ކަމަށްވާތީ، މިއީ އެއްވެސް އިތުރު ފަރާތެއްގެ ނުފޫޒެއް ނެތި އަމިއްލަ އިހުތިޔާރުގައި ހިނގާ ކަމެކެވެ. އެހެންކަމުން، މީހަކަށް ނޭނގި އެހެން ޕާޓީއަކަށް ބަދަލުކުރުމަކީ ކޮމިޝަނަށް ވެސް އަދި އެހެން އެއްވެސް ފަރާތަކަށް ވެސް ކުރެވޭނެ ކަމެއް ނޫން ކަމަށް ބަޔާނުގައި ވެއެވެ.

އީސީން އިތުރަށް ބުނީ، މެންބާޝިޕް ނިޒާމާމެދު އާންމުންގެ މެދުގައި ނުބައި ތަސައްވުރެއް އުފެދި އިތުބާރު ގެއްލޭ ގޮތަށް ޕީއެންއެފުން ހަގީގަތާ ހިލާފު ދޮގު ވާހަކަތައް ފަތުރަމުންދާތީ އެކަން ކުށްވެރިކުރާ ކަމަށެވެ. އަދި ހަގީގަތް އޮޅޭ ގޮތަށް ވާހަކަ ނުދެއްކުމަށާއި، ޒިންމާދާރުކަމާއެކު ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހުރިހާ ފަރާތްތަކަށް އީސީން ވަނީ ނަސޭހަތްތެރިވެ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު