ގައުމު ހަމަޔަކަށް ނޭޅި އޮތުމުގެ އަސްލު ސަބަބަކީ 7 ފެބްރުއަރީ 2012 ހިންގި ކަންތައްތަކަށް އިންސާފު ލިބިފައި ނުވުން ކަމަށް ކުރީގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.

ފެބްރުއަރީ މަހުގެ 7 ވަނަ ދުވަހާ ގުޅުވައިގެން، ކުރީގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) މީސްމީޑިއާގައި ޙީއްސާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، 7 ފެބްރުއަރީ 2012 އަކީ ރީނދޫ ކުލަ ފެނުނަސް "ރަތަށްއަރާ" ފުލުހުންނާއި ސިފައިން ނުކުމެ، އޭރު ވެރިކަން ކުރާ ޕާޓީގެ ހަރުގޭގައި ހުރި ރީނދޫ ގޮނޑިތަކަށްދާންދެން ސުންނާފަތިކޮށްލި ދުވަހެއް ކަމަށެވެ.

އަދި އެ ދުވަހަކީ ރައްޔިތުން އިންތިޚާބުކޮށްފައި އޮތް ވެރިކަން މަގުމަތިން ވައްޓައިލި ދުވަސްކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭގެއިތުރުން އިމްތިޔާޒު ވިދާޅުވީ، މިއަދު މި ގައުމު ހަމަޔަކަށް ނޭޅި އޮތުމުގެ އަސްލު ސަބަބަކީ އެ ދުވަހު ހިންގި ކަންތައްތަކަށް އިންސާފު ލިބިފައި ނުވުން ކަމަށެވެ.

އިންތި މިހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދުގެ ވެރިކަން ނިމުމަމަކަށް ގެނުވި ހަތެއް ފެބްރިއަރީގެ ހާދިސާގެ ވާހަކަ ރައީސް ނަޝީދުވެސް އެމްޑީޕީވެސް ސިފަ ކުރަމުން ގެންދަނީ އެއީ އިންސާފު ނުލިބޭ ބަޣާވާތެއްގެ ގޮތުގައެވެ. އަދި އެ ހަނދާންތައް ކޮންމެ އަހަރަކުވެސް ރައީސް ނަޝީދާއި އެމްޑީޕީގެ ގިނަ މެންބަރުން ގެންދަނީ އާ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު