މި ސަރުކާރަށް ދެ އަހަރު ދުވަސް ވެގެންދިޔައިރު، ރާއްޖޭގެ އެއްވެސް ރަށެއްގައި ތަރައްޤީގެ އައު މަޝްރޫޢެއް ހިނގަމުން ނުދާ ކަމަށާއި، މިހާރުވެސް ފެންނަން ހުރި ހުރިހާ މަސައްކަތްތަކަކީ އެމްޑީޕީގެ ވެރިކަމުގައި ފަށާފައިވާ މަސައްކަތްތައް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ރޭ ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް އެމްޑީޕީން މިރޭ އައްޑޫ ސިޓީގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޖަލްސާގެ ބައިވެރިންނާ މުޚާތަބު ކުރައްވައި ފައިސަލް ވިދާޅުވީ، ކޮންމެ ފަހަރަކުވެސް އިންތިޚާބަކާ ދިމާކޮށް ސަރުކާރުން އެކި ކަހަލަ ވާހަކަތައް ދައްކަމުންދާ ކަމަށެވެ. އެގޮތުން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށްވެސް އޮޅުވާލުންތަކާއި "ހަވާ އެރުވުންތައް" ފެނިގެންދިޔަކަން ފާހަގަކުރައްވައި، ރައްޔިތުން މިކަންކަމާ މެދު ފުންކޮށް ވިސްނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

"އިންތިޚާބުތަކާ ދިމާކޮށް މި ވާހަކަތައް ދައްކަނީ ހަމައެކަނި ވޯޓު ހޯދުމުގެ ބޭނުމުގައި. އެއްވެސް އިތުރު ކަމެއް ނެތް. ވެއަތުވެދިޔަ ދެ އަހަރު ނިމިގެންދިޔައިރު ކޮން ކަމެއްތޯ ވެފައި އޮތީ؟" ފައިސަލް ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން ފައިސަލް ވިދާޅުވީ، ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އައްޑޫ ސިޓީގެ ހުރިހާ ރަށަކަށް އެމަނިކުފާނަށް ޒިޔާރަތް ކުރެވިފައިވާ ކަމަށާއި، ނަމަވެސް އެމްޑީޕީގެ ފަސް އަހަރުގެ ދައުރުގައި ކުރި މަސައްކަތްތައް ފިޔަވައި އައު އެއްވެސް ކަމެއް ކުރާތަން ފެނިވަޑައިނުގަންނަވާ ކަމަށެވެ.

"ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުދޭއިރު ބަލާލަންވީ، ރާއްޖޭގެ ވަކި ރަށެއް ނޫން، އައްޑޫ ސިޓީއަކަށް އެކަންޏެއް ނޫން. މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ބަލައިލި ނަމަވެސް އަޅުގަނޑުމެންނަކަށް ނުފެނޭ ތަރައްޤީގެ ހަމަ އެއްވެސް މަސައްކަތެއް ކުރާތަނެއް،" ރާއްޖޭގެ ތަރައްޤީ މަޑުޖެހިފައިވާކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވަނީ އެމްޑީޕީ އަށް އައްޑޫ ސިޓީ ކައުންސިލްގެ މެޖޯރިޓީ ދީ ސަރުކާރަށް މެސެޖެއް ދިނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. މި ޖަލްސާގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި އައްޑޫ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވިއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް