ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބޮޑެތި އިސްލާހުތަކާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބޭއްވި ބައްދަލުވުން، އިދިކޮޅު އެމްޑީޕީން ދޫކޮށް ނުކުމެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި މި ބައްދަލުވުމަކީ ސިޔާސީ ޕާޓީތަކުގެ ޚިޔާލު ހޯދުމަށް ބޭއްވި ބައްދަލުވުމެއް ނަމަވެސް، އެމްޑީޕީން ބުނީ މިފަދަ މުހިންމު ނިންމުންތަކެއް ނިންމުމުގައި ސަރުކާރުން އަމަލުކުރަމުންދަނީ ނުހަނު ބޮޑަށް އަވަސްއަރުވާލައިގެން ކަމަށެވެ.

ކޮމިޓީ ބައްދަލުވުން ފެށުމާއެކު އެމްޑީޕީގެ ފަރާތުން ވާހަކަދައްކަވަމުން އެ ޕާޓީގެ ނައިބު ރައީސް ހިސާން ހުސައިން ވިދާޅުވީ، ގާނޫނުއަސާސީއަށް ގެންނަ މިފަދަ ބޮޑެތި ބަދަލުތަކަކީ އެހާ ކުއްލި ގޮތަކަށް ކުރަންވާނެ ކަންކަން ނޫން ކަމަށެވެ.

އެމްޑީޕީއަކީ ހަމައެކަނި ލީޑަރު ނިންމާ ގޮތަށް އަމަލުކުރާ ޕާޓީއެއް ނޫންކަން ފާހަގަކުރައްވައި ހިސާން ވިދާޅުވީ، ޕާޓީގެ އާންމު މެންބަރުންގެ މަޝްވަރާ ހޯދުމަށް ފުރުސަތު ނުލިބޭހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ޚިޔާލު ދޭން އެންގުމަކީ ބޮޑު ދަތިތަކެއް ކުރިމަތިވާ ކަމެއް ކަމަށެވެ. މި ޝަކުވާތަކާއެކު ހިސާން އާއި ޕާޓީގެ ތަރުޖަމާނު އަނަސް އަބްދުއްސައްތާރު ވަނީ މެންބަރުންގެ އިޒުނައާއެކު ކޮމިޓީން ވަޑައިގެންފައެވެ.

މި އިސްލާހުތަކުގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމަށް ހުށަހަޅާފައިވާ ބަދަލެވެ. ސަރުކާރުން ހުށަހަޅާފައިވަނީ ގާނޫނުއަސާސީގެ 110 ވަނަ މާއްދާގެ ދަށުން ބާއްވާ ރިޔާސީ އިންތިޚާބާ އެކު މަޖިލިސް އިންތިޚާބު ވެސް ބޭއްވުމަށެވެ.

އަދި މަޖިލީހުގެ ދައުރު ފެށޭ ތާރީޚަކީ ޑިސެމްބަރު 1 ކަމަށް ކަނޑައަޅައި، މަޖިލީހުގެ އުމުރަކީ 5 އަހަރު ކަމަށް ބަދަލުކުރުން މި އިސްލާހުތަކުގައި ހިމެނެއެވެ.

މި ބަދަލުތައް ގެނައުމަށްޓަކައި މަޖިލީހުގެ ޗުއްޓީ މުއްދަތުގައި، ދައުރުން ބޭރުން ޖެނުއަރީ 5 ވަނަ ދުވަހު ކުއްލި ގޮތަކަށް ޖަލްސާ އެޖެންޑާ ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ސަރުކާރުން ދަނީ ގައުމުގެ އަސާސީ ގާނޫނަށް ބަދަލު ގެނައުމުގައި ރައްޔިތުންގެ ފުރިހަމަ ބައިވެރިވުމާއި ބަހުސަށް ޖާގަ ނުދީ، ކަންކަން ނިންމުމަށް ބާރު އަޅަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު