އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރ އަހުމަދު އަނާމް އިބްރާހިމް
އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރ އަހުމަދު އަނާމް އިބްރާހިމް
މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ އޮޕަރޭޝަން އަލިމަގުގައި ގއ. އަތޮޅުން އިއްޔެ ހައްޔަރުކުރި ހަތަރު މީހުންގެ ތެރޭގައިވެސް ސިޔާސީ މަގާމެއްގައި ހުރި މުވައްޒަފަކު ހިމެނޭކަން ހާމަވެއްޖެއެވެ.

ގއ. ވިލިނގިލީގައި ހިންގި މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވާ 4 މީހުންގެ ތެރެއިން ސިޔާސީ މަޤާމެއްގައި ހުންނެވީ، އިކޮނޮމިކް މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރ ގއ. ވިލިނގިލި، އައިޒަން، އަހުމަދު އަނާމް އިބްރާހިމެވެ.

މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ޝެވޯނާ / ގއ.ވިލިނގިލި، ޝައްފާޙް ލަޠީފް (28އ) އާއި މިޔުޒިކީއާގެ / ގއ.ވިލިނގިލި، އަޙްމަދު މަދީޙު (33އ) އާއި އައިޒަން / ގއ.ވިލިނގިލި، އަޙްމަދު އަނާމް އިބްރާހީމް (30އ) އަދި އަރާއިރުގެ / ގއ.ވިލިނގިލި، ނޫރުއްނިޡާމް (35އ) އެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝައްފާޙް ލަޠީފާއި އަޙްމަދު މަދީޙާއި އަޙްމަދު އަނާމް އިބްރާހީމް ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް އަދި ނޫރުއްނިޡާމް 15 ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގއ. އަދި ގދ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރިކޮށް، މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅާން ޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމުގެ ގޮތުން ޚާއްސަ އޮޕަރޭޝަނެއް ކުރިޔަށް ގެންދާ ކަމަށެވެ.

މި އޮޕަރޭޝަންގައި ދިހަތަނެއް ބަލާފާސްކޮށް ހަތަރު މީހަކު ހައްޔަރު ކޮށްފައިވާއިރު، މި އޮޕަރޭޝަން ކުރިޔަށް ގެންގޮސްފައިވަނީ، ސައުތު ޕޮލިސްގެ ހާއްސަ ޓީމުތަކާއި އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ގުޅިގެންނެވެ.

މީގެ ކުރިން އައްޑޫސިޓީގައި ފުލުހުން ހިންގި އަލިމަގު އޮޕަރޭޝަންގައިވެސް މި ސަރުކާރުގެ އެސްޕީޑީއެއްގެ މަގާމުގައި ހުރި އަލީ ނަދީމް (މައިލޯ ނަދަމާ) ވަނީ ހައްޔަރު ކޮށްފައެވެ.

އޮޕަރޭޝަން އަލިމަގުގެ ދަށުން ފުލުހުން ކުރާ މަސައްކަތުގެ ދަށުން 202 މީހަކު 31 ކިލޯގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު