އަލިފާނުގެ ހާދިސާގައި ގެއެއް ވަރަށް ބޮޑަށް އަނދައި ވީރާނާވެފައި، ފޮޓޯ: އެންޑީއެމްއޭ
އަލިފާނުގެ ހާދިސާގައި ގެއެއް ވަރަށް ބޮޑަށް އަނދައި ވީރާނާވެފައި، ފޮޓޯ: އެންޑީއެމްއޭ
ށ. ފުނަދޫގައި މިއަދު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކޮށްފިއެވެ.

އެންޑީއެމްއޭ އިން ބުނީ، އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކުރެވިފައިވީ ނަމަވެސް، މި ހާދިސާގައި އެއް ގެ އަނދައި އަޅިއަށްވެ، ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން، އެ ގޭގެ ކައިރީގައި ހުރި އިތުރު ތިން ގެއަކަށް ވެސް އަލިފާނުގެ ސަބަބުން އެކިވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ.

މި ހާދިސާ ހިނގި ސަރަޙައްދުން އަދިވެސް އެއްޗެހި ގޮވާ އަޑު އިވެމުންދާތީ، އާންމުންގެ ރައްކާތެރިކަމަށްޓަކައި އަޅާ ސަލާމަތީ ފިޔަވަޅެއްގެ ގޮތުން އެ ސަރަޙައްދުގައި ހުރި ގޭގޭގެ މީހުން މިހާރު ވަނީ ވަގުތީ ގޮތުން ރައްކާތެރި އެހެން ގެތަކަށް ބަދަލުކޮށްފައެވެ.

މީގެއިތުރުން، އަލިފާނުގެ ސަބަބުން ދުމުގެ އަސަރު ވަރަށް ބޮޑަށް ކޮށްގެން ބައެއް ފަރާތްތަކަށް ފުނަދޫ ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ. އަދި އެ ރަށުގެ ހާލަތު އިތުރަށް ބަލައި، ކަންކަން މޮނީޓަރ ކުރުމުގެ މަސައްކަތް ކައުންސިލާ ގުޅިގެން ކުރަމުންދާ ކަމަށް އެންޑީއެމްއޭ އިން މަޢުލޫމާތު ދެއެވެ.

އެންޑީއެމްއޭ އިން އިތުރަށް ބުނީ، މި ހާދިސާގެ ސަބަބުން ހާލުގައި ޖެހި، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭންޖެހޭ ފަރާތްތައް ދެނެގަތުމުގެ މަސައްކަތާއި، އެ ފަރާތްތަކަށް ބޭނުންވާ އަވަސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެ އޮތޯރިޓީން މިހާރު ކުރަމުން އަންނަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު