ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް
ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް
ސަރުކާރުން ދުންފަތާއިމެދު ގެންގުޅޭ ސިޔާސަތުތަކަކީ ކުށްތަކަށް އަރައިގަތުމަށް އޮތް ސަބަބެއް ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވެފައިވަނީ މިއަދުގެ މަޖިލިސް ޖަލްސާގައި، ދުންފަތާއި ގުޅޭ ގޮތުން ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކުގެ ސަބަބުން ސީރިއަސް އެންޑް އޯގަނައިޒް ކްރައިމްތައް ވަރަށް ބޮޑަށް އާންމުވެފައިވާކަން ފާހަގަކޮށް ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ސަރުކާރުގެ ދެ މުވައްސަސާގެ ތެރޭގައި ހުރި 40 ފޫޓުގެ ދެ ކޮންޓެއިނަރު އެމްޕީއެލްއިން ގެއްލިފައިވާކަމަށާއި، ފުލުސް އޮފީހުގައި ހުރި ސިގިރޭޓު ފޮށިތައްވެސް ގެއްލިފައިވާކަމަށް ސުވާލުގައި ފާހަގަކުރިއެވެ. މިކަމުގެ ސަބަބަކީ ޖެނެރޭޝަނަލް ބޭނެއް ގެނައުންތޯ މެންބަރު ސުވާލުކުރެއްވިއެވެ.

އަދި ރާއްޖެއިން ބޭރުން އަންނަ މީހުން ސިނގިރޭޓު އެތެރެކުރުމުގައި، ދިވެހިންނާއި ބިދޭސީއިންނާއިދެމެދު ތަފާތުކުރުން ގެންގުޅޭކަމަށް ވާހަކަތައް ދެކެވޭކަމަށްވެސް މެންބަރު ފާހަގަކުރެއްވިއެެވެ.

އަދި މިކަން މިހެން ވަނީ ހެލްތު މިނިސްޓްރީއިން ހަދަން ޖެހޭ ގަވާއިދެއް ނަހަދާ އޮތުމުގެ ސަބަބުންކަމަށް ކަސްޓަމްސްއިން މައުލޫމާތު ލިބިފައިވާތީ އެކަމާ ގުޅޭ ގޮތުންވެސް މިއަދު މިނިސްޓަރ ނާޒިމާ ވަނީ ސުވާލުކުރައްވާފައެވެ.

ޖަވާބުގައި މިނިސްޓަރު ވިދާޅުވީ ބައެއް ހާލަތްތަކުގައި އަންނަ ބަދަލުތަކަކީ އުނދަގޫތަކެއް ކުރިމަތިވާކަމެއްކަމަށެވެ. ނަމަވެސް ދުންފަތާއި ގުޅިގެން ސިޔާސަތުތަކެއް ތަންފީޒުކުރުމަކީ ކުށްތައް ކުރަން ޖެހޭ ސަބަބެއްކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ބިދޭސީންނާއި ދިވެހިންނާއި ގުޅޭ ގަވާއިދުތައް ހަދާއިރު، ކަމާއި ގުޅުން ހުރި ފަރާތްތަކާއިއެކު މަޝްވަރާކުރާކަމަށެވެ.

އާ ގަވާއިދެއް އަންނައިރު، ހިޔާލު ތަފާތުވުންތަކެއްވެސް ހުރެދާނެކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ގަވާއިދުގައި ހުންނަ ފުށުއެރުންތަކުގެ ސަބަބުން ދިމާވާ މައްސަލަތައް ހައްލުކުރުމުގެ ކަންކަން ކުރާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު