ހަވާ އެރުވުން
ހަވާ އެރުވުން
އައްްޑޫ ހުޅުދޫ އާއި މީދޫގައި ވަކި ކައުންސިލްތައް އުފައްދަން ދެ ރަށުގެ ރައްޔިތުން ނިންމި ނިންމުމާ ގުޅިގެން އެކަމުގެ އުފާ ފާޅުކުރުމަށް ދެރަށް ގުޅިގެން ޚާއްސަ ހަރަކާތެއް މިރޭ ބާއްވަން ތައްޔާރުވެއްޖެއެވެ.

އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) އާއި މީދޫ ދާއިރާގެ މެންބަރު އަބްދުއް ރަޙްމާންގެ އިސްނެންގެވުމުގެ މަތިން ހަވާއެރުވުން ހިމެނޭ ގޮތަށް ބާއްވާ މި އިވެންޓު އޮންނާނީ މިރޭ 20:30ގައި ހުޅުމީދޫގެ ބަނދަރު ސަރަހައްދުގައެވެ.

އައްޑޫގައި އިއްޔެ ނެގި ވޯޓުގެ ވަގުތީ ނަތީޖާއަށް ބަލާއިރު ހުޅުދޫ އާއި މީދޫ ވޯޓުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޖުމްލަ އަޣުލަބިއްޔަތު ރައްޔިތުން ވޯޓު ދީފައެއް ނުވެއެވެ. އެގޮތުން މީދޫ އައްޑޫ ސިޓީން ވަކިވުމަށް ނެގި ވޯޓުގައި ބައިވެރިވީ 42.80 އިންސައްތަ ރައްޔިތުންނެވެ. އަދި ހުޅުދޫގެ ވޯޓުގައި ބައިވެރިވެފައިވަނީ، 37.32 އިންސައްތަ ރައްޔިތުންނެވެ.

އޭގެތެރެއިން މީދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 841 މީހުން ވޯޓުލާފައިވާއިރު، ހުޅުދޫގައި ވަކި ކައުންސިލެއް އުފެއްދުމަށް 720 މީހުން ވޯޓު ދީފައިވެއެވެ. އަދި ފޭދޫގެ ރައްޔިތުން ނިންމާފައިވަނީ އިދާރީ ގޮތުން ސިޓީކައުންސިލާއި ވަކިނުވުމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ރޭ ބުނީ ފޭދު އާއި މީދޫ އަދި ހުޅުދު އަށް ހާއްސަކޮށްގެން ބޭއްވި މި ވޯޓުގައި ވޯޓުލާފައިވަނީ 4510 މީހުން ކަމަށެވެ. އެއީ ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ 47.1 ޕަސެންޓެވެ.



ކިޔުންތެރިންގެ ހިޔާލު