ހިތަދޫ އިމަޖެންސީ ސެންޓަރު
ހިތަދޫ އިމަޖެންސީ ސެންޓަރު
ސ. ހިތަދޫގައި ގާއިމުކުރާ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު އިމާރާތް ކުރުމުގެ މަޝްރޫއުގެ ދަށުން، އިމާރާތުގެ ރޭމްޕް ކޮންކްރީޓް ކުރުމާއި ރޭނުމުގެ މަސައްކަތްތައް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.

އެމްޓީސީސީން މިއަދު ބުނީ، ހިތަދޫގައި ގާއިމުކުރާ އެމަޖެންސީ ސެންޓަރުގެ މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށެވެ. އެގޮތުން މިހާރު އެ ސައިޓުގައި ބާރަށް ކުރިއަށްދަނީ އިމާރާތުގެ ރޭމްޕް ކޮންކްރީޓް ކުރުމުގެ މަސައްކަތްތަކާއި، ފާރުތައް ރޭނުމުގެ މުހިންމު މަސައްކަތްތަކެވެ.

މި މަޝްރޫއަކީ ކާރިސާތަކާއި ކުއްލި ހާލަތްތަކުގައި އަވަސް ހިދުމަތް ދިނުމުގެ ގާބިލުކަން އިތުރުކުރުމަށްޓަކައި ސަރުކާރުން ހިންގާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން، އެކަމަށްޓަކައި ހާއްސަކޮށް ބޭއްވި ރަސްމިއްޔާތެއްގައެވެ.

ހިތަދޫ ރީޖަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ މަޝްރޫއުގެ ދަށުން، 4،338 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ދެ ފަންގިފިލާގެ ޒަމާނީ އިމާރާތެއް ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއަކީ ޖުމްލަ 6.50 މިލިއަން ރުފިޔާ ހަރަދުކޮށްގެން، 300 ދުވަހުގެ ތެރޭގައި އެއްކޮށް ނިންމުމަށް އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. މަސައްކަތް ނިމުމުން، ދެކުނުގެ ސަރަހައްދުގައި ކުއްލި ނުރައްކަލުގެ ހާލަތްތައް މެނޭޖްކުރުމަށާއި ކާރިސާތަކަށް އިޖާބަދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާވެގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު