އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން
އެމްޑީޕީގެ އެއްވުމެއްގެ ތެރެއިން
އިދިކޮޅު އެމްޑީޕީން އިންތިޒާމު ކޮށްގެން 3 އޮކްޓޯބަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޫޓުވައިފި އެއްވުމަށް ހުރަސް ނޭޅުމަށް އެޕާޓީން ފުލުހުންނަށް ގޮވާލައިފިއެވެ.

އެމްޑީޕީން މިއަދު މިގޮތަށް ގޮވާލީ އެޕާޓީން މިއަދު ޢާއްމުކޮށްފައިވާ ބަޔާނެއްގައެވެ.

އެގޮތުން އެމްޑީޕީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، އޮކްޓޯބަރު 3 ވާ ހުކުރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުން ފެށުމަށް ހަމަޖެހިފައިވާ "ލޫޓުވައިފި ލޫޓުވައިފި" އެއްވުމަށް ހުރަސް އެޅުމަށް ދިވެހި ފުލުހުންގެ ހިދުމަތުން ނެރެފައިވަނީ ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށްފައިވާ ބަޔާނެއް ކަމަށެވެ. އަދި އެ ހަރަކާތަކީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ކަމުގެ ޔަގީންކަން އަރުވާ ކަމަށް އެމްޑީޕީން ބުނެފައިވެއެވެ.

"އެ ހަރަކާތާ ގުޅޭ މައުލޫމާތު ދިނުމަށް ސެޕްޓެމްބަރު 28 ވަނަ ދުވަހު ފުލުހުންނާ މި ޕާޓީން ބައްދަލުކޮށްފައިވާނެ އެވެ. އަދި ހަމަ އެދުވަހު އެއްވުން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ މަގުތަކާއި ރޫޓުގެ ތަފްސީލު ހިމަނައި ލިޔުމުން އަނގާފައެވެ. އެރޫޓަށް އެއްވެސް ބަދަލެއް އެމްޑީޕީން ގެނެސްފައި ނުވާއިރު ފުލުހުން ހުއްދަ ދީފައިވާ ރޫޓާ ހިލާފަށް ހަރަކާތް ކުރިއަށްގެންދާނެ ކަމަށް މި ޕާޓީން އަންގާފައި ނުވާނެއެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

އެމްޑީޕީން ބުނީ ސުލްހަވެރި ސިޔާސީ ހަރަކާތެއް ހަލަބޮލިކޮށް، ހަމަނުޖެހުން ހިންގުމަށް ކުށްކުރާ ގްރޫޕްތަކަށް ފައިސާ ދީގެން އެ ގްރޫޕްތައް ނެރުމަށް އެހެންބަޔަކު ކުރަމުންދާ މަސައްކަތްތައް ކުށްވެރި ކުރާ ކަމަށެވެ.

"މާލޭގައި ކުށްކުރާ ގްރޫޕުތައް ނެރެގެން އެއްވުމަށް ހުރަސް އެޅުމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މަސައްކަތް ކުރަމުންދާކަން މި ޕާޓީން ފުލުހުންނަށް އެންގުމުން އެމްޑީޕީގެ ބޮލުގައި އެ ތުހުމަތު އެޅުވުމަށް މަސައްކަތް ކުރުމަކީ ހިތާމަވެރި ކަމެކެވެ." އެމްޑީޕީގެ ބަޔާނުގައިވެއެވެ.

ހަމައެއާއެކު މާލެތެރެ ހަލަބޮލިކޮށް މުދަލަށް ގެއްލުން ދިނުމަށް އެހެންބަޔަކު ފައިސާ ދީފައިވާ ގްރޫޕުތަކުގެ އަމަލުތައް ހުއްޓުވައި އެއްވުމުގެ ބައިވެރިންނަށް ސެކިއުރިޓީ ފޯރުކޮށްދިނުމަށް އެމްޑީޕީއިން ވަނީ ފުލުހުންނަށް ގޮވާލާފައެވެ. އަދި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ހައްގަށް ހުރަސް ނޭޅުމަށްވެސް އެމްޑީޕީގެ ފަރާތުން ފުލުހުންނަށް ގޮވާލާފައިވެއެވެ.

އޭގެއިތުރުން މިއީ ރައްޔިތުން ތަހައްމަލު ކުރަމުންދާ ހާލަތު ސަރުކާރަށް އިއްވައިދިނުމަށް ރާވައިގެން ހިންގޭ ސުލްހަވެރި ހަރަކާތެއް ކަމަށާއި، ފުލުހުންގެ ހިދުމަތް ސިޔާސީ ކުރުމަކީ އެ ޕާޓީއިން ކުށްވެރިކުރާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.



އެމްޑީޕީން މިގޮތަށް ބުނެފައިވާއިރު، ސިޔާސީ ބައެއް ފަރާތްތަކުން އިސްނަގައިގެން، 2025 އޮކްޓޯބަރ 3 ވާ ހުކުރުދުވަހު ބޭއްވުމަށް ރާވާފައިވާ ހަރަކާތަކުގައި މާލޭގެ ތަންތަނަށް ގެއްލުން ދިނުމަށް ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ވަނީ ބުނެފައެވެ.

އަދި، މާލެ ހަލަބޮލިކޮށް ތަންތަނަށް ގެއްލުންދޭން ފުލުހުންގެ ޚިދުމަތުން ފުރުސަތު ނުދޭނެ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު