މާވަށު ނަލަހިޔާ 29 އަހަރުގެ މޫސާ އިބްރާހީމް
މާވަށު ނަލަހިޔާ 29 އަހަރުގެ މޫސާ އިބްރާހީމް
އިތުރު ތަޙުލީލު ހެދުމަށްޓަކައި މާވަށުގައި މަރާލި މީހާގެ ހަށިގަނޑު މާލެ ގެނެސްފިއެވެ.

ފުލުހުން މިއަދު ބުނީ މާވަށު ނަލަހިޔާ 29 އަހަރުގެ މޫސާ އިބްރާހީމްގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ. އިއްޔެ ހެނދުނު މޫސާ އިބްރާހިމަށް ހަމަލާދީނީ އޭނާ އެރަށު ވޮލީ ކޯޓް ކައިރީ ހުއްޓައެވެ.

އިއްޔެ ހެނދުނު ގާތްގަނޑަކަށް 10 ޖަހާކަންހާއިރު އޭނާއަށް ވަޅިން ހަމަލާދީފައިވަނީ ފަހަތުން އައިސް ނޭނގި ހުއްޓާ ކަރަށް ކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެފައިވެއެވެ. މޫސަ ސިއްޙީ މަރުކަޒަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން އިއްޔެ ވަނީ މޫސާ އިބްރާހިމް މަރާލަން ހަމަލާދިން މީހާ ހައްޔަރުކޮށްފައެވެ. ފުލުހުންގެ ޚިދުމަތުން ބުނީ މޫސާ އިބްރާހިމަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަންފަރު، އަސަރީ މަންޒިލް، އުމުރުން 29 އަހަރުގެ މުހައްމަދު އިބްރާހިމް ކަމަށެވެ. މި މާރާމާރީއަކީ ދެމީހުންގެ ދެމެދުގައި ހިނގި މާރާމާރީއެއްކަން އެނގިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން އިއްޔެ ބުނީ މޫސާ އިބްރާހިމް މަރާލަން ބޭނުންކުރި ކަމަށް ބެލެވޭ ވަޅި މިހާރު ހޯދާފައިވާ ކަމަށާއި، ވަޅި ފެނުނީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ކުރި މަސައްކަތުން ކަމަށެވެ. މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މުޙައްމަދު އިބްރާހިމް އަކީ މަސްތުވާތަކެތީގެ ރިކޯޑް އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު