ޓޮކްސިކް މާހައުލެއްގައި މަސައްކަތް ކުރާނަމަ ނަފްސާނީ ސިއްހަތަށް ގެއްލުންވޭ
ޓޮކްސިކް މާހައުލެއްގައި މަސައްކަތް ކުރާނަމަ ނަފްސާނީ ސިއްހަތަށް ގެއްލުންވޭ
މަސައްކަތުގެ މާހައުލަކީ ކޮންމެ މީހެއްގެވެސް ދިރިއުޅުމުގެ އެންމެ ބޮޑު ބައެއް ހޭދަކުރާ ތަން ކަމަށްވާއިރު، އެތަނުގެ މާހައުލު ހިތްފަސޭހަވެ، ހިތްހަމަޖެހޭ މާހައުލަކަށްވުމަކީ ވަރަށް މުހިއްމު ކަމެކެވެ. ނަމަވެސް ބައެއް ފަހަރު މި މާހައުލު "ޓޮކްސިކް" ނުވަތަ އިންތިހާއަށް ނޭދެވޭ އަސަރުތައް ފޯރުވާފަދަ ތަނަކަށް ބަދަލުވެގެންދެއެވެ. މިފަދަ މާހައުލެއްގެ ސަބަބުން އިންސާނާގެ ނަފްސާނީ އަދި ހަށިގަނޑުގެ ސިއްހަތަށް ދިގުދެމިގެންދާ ނޭދެވޭ އަސަރުތަކެއް ކުރެއެވެ. އޭގެ ތެރޭގައި ސްޓްރެސްވުން، ހާސްވުން، އަދި މަސައްކަތް ކުރުމުގެ ފެންވަރު ދަށްވުން ފަދަ ކަންކަން ހިމެނެއެވެ.

ތިރީގައި މި ހިމަނާލަނީ މަސައްކަތުގެ މާހައުލު ޓޮކްސިކް ނަމަ، އަމިއްލަ ނަފްސު ރައްކާތެރިކޮށް، ކުރިއަށް ދިއުމަށް ކުރެވިދާނެ ބައެއް ކަންކަމެވެ.

ޓޮކްސިކް މާހައުލެއްގެ ސިފަތައް ދެނެގަތުން

އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޓޮކްސިކް މަސައްކަތުގެ މާހައުލެއްގެ ސިފަތައް ދެނެގަތުމެވެ. މި މާހައުލުގައި ހުންނަ އެންމެ އާންމު ސިފަތަކުގެ ތެރޭގައި އަބަދުވެސް ނެގެޓިވް ވާހަކަ ދެއްކުން، އެހެން މީހުން ނެތް ތަންތަނުގައި އެމީހުންގެ ވާހަކަ ދެއްކުން އަދި އެކަކު އަނެކަކަށް ބުލީކުރުން ފަދަ ކަންތައް ހިމެނެއެވެ. އަދި ހަމަ އެހެންމެ "މައިކްރޯ މެނޭޖްމަންޓް" އަދި އިންސާފެއް ނެތުންވެސް ހިމެނެއެވެ. މިކަންކަމުގެ ސަބަބުން އަބަދުވެސް ހާސްކަމެއްގައި ހުރުން އަދި ނިދި ނައިސްގެން އުޅުން ފަދަ ކަންތައްތައްވެސް ކުރިމަތިވެދާނެއެވެ. މިފަދަ ކަންތައްތަކެއް ތިމާއަށް އިހްސާސް ކުރެވޭނަމަ، އެއީ ތިމާ ޓޮކްސިކް މާހައުލެއްގައި އުޅޭ ކަމުގެ ހެތްކެކެވެ.

އަމިއްލަ ނަފްސު ރައްކާތެރި ކުރިން

ދެން ކުރަން ޖެހޭ އެންމެ މުހިންމު ކަމަކީ އަމިއްލަ ނަފްސު ރައްކާތެރިކުރުމެވެ. ޓޮކްސިކް މާހައުލެއްގައި އުޅޭކަން އެނގުމުން، އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ މައްސަލަ ދިމާވަނީ ކޮންކޮން ސަބަބުތަކާ ހެދިކަން ދެނެގަތުމެވެ. މީހެއްގެ ސަބަބުން ކަމަށްވާނަމަ ނުވަތަ ކުންފުނީގެ ސިޔާސަތުގެ ސަބަބުން ކަމަށްވާނަމަވެސް، އެކަން ރަނގަޅަށް ދެނެގަތުމަކީ މުހިއްމު ކަމެކެވެ. އަދި ހަމައެއާއެކު، ދިމާވާ ކޮންމެ ކަމެއްގެ ތާރީޚާއި ވަގުތާއި ކަންތައް ހިނގި ގޮތް ރިކޯޑުކުރުމަކީ ފަހުން އެހީތެރިވެދާނެ ކަމެކެވެ. މީގެ އިތުރުން، އަމިއްލަ "ބައުންޑަރީޒް" ކަނޑައެޅުމަކީ ވެސް މުހިއްމު ކަމެކެވެ. މިސާލަކަށް މަސައްކަތް ނިމުމަށްފަހު މަސައްކަތާ ގުޅޭ ފޯނުތަކަށް ޖަވާބުނުދިނުން، ނުވަތަ ހަފްތާ ބަންދުގައި މަސައްކަތާ ގުޅޭ ކަންކަމުގައި ބައިވެރިނުވުން ހިމެނެއެވެ. މީގެ ސަބަބުން މަސައްކަތުގެ ބޭރުގައި އަމިއްލަ ނަފްސަށް ވަގުތު ދިނުމުގެ ފުރުސަތު ލިބި، ނަފްސާނީ ދުޅަހެޔޮކަން ރަނގަޅުވާނެއެވެ.

މަސައްކަތް ދޫކޮށްލުމަށް ވިސްނުން

މަސައްކަތް ކޮށްގެންވެސް މާހައުލަށް ބަދަލު ނާއްނަނަމަ ނުވަތަ އެ މާހައުލުގެ ސަބަބުން ތިމާގެ ނަފްސާނީ އަދި ހަށިގަނޑުގެ ސިއްހަތަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާނަމަ، މަސައްކަތް ދޫކޮށްލުމަކީ ވެސް ކުރެވިދާނެ ކަމެކެވެ. ނަމަވެސް މަސައްކަތް ދޫކޮށްލުމުގެ ކުރިން، ރަނގަޅު ރާވައިގެން، އާ މަސައްކަތެއް ހޯދުމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެކެވެ. މިއީ އަމިއްލަ ނަފްސަށް ކުރާ އިންވެސްޓްމަންޓެއް ކަމުގައި ދެކި، ކުރިއަށް ދިއުމަށް ހިތްވަރުލުން މުހިއްމެވެ.



ކިޔުންތެރިންގެ ހިޔާލު