ދެމަސް ދުވަހަށްވުރެ ގިނަ ދުވަސް ވަންދެން ކާބޯތަކެއްޗާއި އިންސާނީ އެހެނިހެން އެހީތައް ޣައްޒާއަށް ފޯރުކޮށްދިނުން ހުއްޓުވާފައި ބޭއްވުމަށްފަހު، އިންސާނީ އެހީގެ މުދާ އުފުލާ ލޮރީތައް ބޯޑަރު ހުރަސްކުރަން ފަށާފައިވީ ނަމަވެސް، މި ވަގުތާ ހަމައަށް ޣައްޒާގެ ރައްޔިތުންނަށް އެއްވެސް އެހީއެއް ލިބިފައިނުވާ ކަމަށް އދ އިން ބުނެފިއެވެ.

އިސްރާއީލުގެ އޮފިޝަލުން ބުނީ އަންގާރަ ދުވަހު 93 ޓްރަކު ޣައްޒާއަށް ވަދެފައިވާ ކަމަށާއި، މި ޓްރަކުތަކުގައި ފުށް، ކުޑަކުދިންގެ ކާނާ، މެޑިކަލް އިކުއިޕްމަންޓް އަދި ބޭސް ފަދަ އެހީ ހިމެނޭ ކަމަށެވެ.

ނަމަވެސް އދ. އިން ބުނާގޮތުން ކެރެމް ޝަލޯމް ކްރޮސިންގގެ ފަލަސްތީނު ފަރާތަށް ޓްރަކުތައް ވަދެފައިވީ ނަމަވެސް، މިހާތަނަށް އެއްވެސް އެހީއެއް ބެހިފައެއް ނުވެއެވެ.

އދ. އިން ބުނީ ޣައްޒާއަށް 100 އެހީގެ ޓްރަކު ވެއްދުމަށް އިސްރާއިލުން ހުއްދަ ދީފައިވާ ކަމަށެވެ.

އަންދާޒާކުރެވޭ ގޮތުގައި ޣައްޒާގެ 14،000 ކުޑަކުދިން ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވުމުގެ ނުރައްކަލާ ކުރިމަތިލާން ވަނީ ޖެހިފައެވެ. މިދިޔަ އާދީއްތަ ދުވަހު އިސްރާއީލުން ދިން ވައިގެ ހަމަލާތަކުގައި އެކަނި ވެސް ޣައްޒާ އިން ވަނީ 103 މީހުން ޝަހީދުކޮށްލާފައެވެ.

2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން އިސްރާއިލުން ޣައްޒާ އަށް ދެމުން ގެންދާ ހަމަލާތަކުގައި މަދުވެގެން 53،475 މީހުން ވަނީ މަރުވެފައެވެ. މީގެ ތެރޭގައި އިސްރާއީލުގެ ހަމަލާތައް އަލުން ފެށިފަހުން މަރުވި 3،340 މީހުން ހިމެނެއެވެ.

ހަނގުރާމަ ހުއްޓާލުމަށް ޖެނުއަރީ މަހު އެއްބަސްވުމަށްފަހު، ދެ މަސް ދުވަސް ފަހުން މިދިޔަ މާޗު މަހު އަނެއްކާ ވެސް އިސްރާއީލުން އަންނަނީ ޣައްޒާ އަށް ހަމަލާތަށް ދެމުންނެވެ.

ޣައްޒާ އަށް އެހީ ވެއްދުމަށް އިސްރާއިލުން ހުރަސް އަޅަމުން ގެންދާތީ ބައެއް ޤައުމުތަކުގެ ޕްރެޝަރާއި ފިއްތުންތަށް ވަނީ ކުރިމަތިވެފައެވެ. އެގޮތުން ޔޫކޭ އިން ވަނީ އިސްރާއިލާއެކު ވިޔަފާރީގެ އެއްބަސްވުމުގެ މަޝްވަރާތައް ހުއްޓާލާފައެވެ. އަދި ޔޫރަޕިއަން ޔޫނިއަނުން ވަނީ އިސްރާއީލާއެކު ކުރިން ވެފައިވާ އެއްބަސްވުންތައް މުރާޖަޢާކުރަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން