އަނުރަ ކުމާރަ ދިސާނައިކަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާގެ ނުވަ ވަނަ ރައީސް ކަމުގެ ހުވާ ކުރައްވައިފިއެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމަށް މިއަދު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސް ދިސާނައިކަ ހުވާ ކުރެއްވީ ލަންކާގެ އުއްތަމަ ފަނޑިޔާރު ޖަޔަންތާ ޖަޔަސޫރިޔާގެ ހާޒިރުގައި ކޮލަމްބޯގައި ހުންނަ ރިޔާސީ ސެކްރެޓޭރިއަޓްގައެވެ.

ލަންކާގެ ރައީސް ކަމަށް ދިސާނައިކަ އިންތިޚާބުވީ އެގައުމުގައި ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައިގެންނެވެ.

ރައީސް ކަމުގެ ހުވާ ކުރެއްވުމަށްފަހު ގައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ދިސާނައިކަ ވިދާޅުވީ ލަންކާއަށް ދިމާވެފައިވާ މައްސަލަތަކުގެ ނާޒުކުކަން ވިސްނިވަޑައިގަންނަވާ ކަމަށާއި، ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައި ހުރިހާ ރައްޔިތުންގެ އިތުބާރު ހޯއްދެވުމަށް ބުރަކޮށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދިސާނައިކަ ވިދާޅުވީ އެމަނިކުފާނަކީ ޖާދޫގަރެއް ނޫން ކަމަށާއި، އެމަނިކުފާނަށް އެނގިވަޑައިގަންނަވާ ކަންކަމާއި އެނގިވަޑައިނުގަންނަވާ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް އެންމެ ރަނގަޅު ލަފާ ހޯދައިގެން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެ ކަމަށާއި، އެކަމަށްޓަކައި އެންމެންގެ އެއްބާރުލުން ބޭނުންވާނެކަން އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ކަމަށް ދިސާނައިކަ އިންތިޚާބުވީ ލަންކާގެ އިޤްތިޞާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ދަނޑިވަޅެއްގައިކަން ފާހަގަ ކުރެވެއެވެ. އަދި މިހާރު އޮތް އިޤްތިޞާދީ ހާލަތުން އަރައިގަތުމަށް ވަރަށް ވިސްނުންތޫނުކަމާއެކު މަސައްކަތް ކުރައްވަން ޖެހޭނެ ކަމަށް މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ލަންކާގެ އިލެކްޝަންސް ކޮމިޝަނުން ބުނީ ޕީޕަލްސް ލިބަރޭޝަން ފްރަންޓް (ޖޭވީޕީ) ޕާޓީ އާއި ނޭޝަނަލް ޕީޕަލްސް ޕަވަރ (އެންޕީޕީ) އިއްތިހާދުގެ ލީޑަރު ދިސާނައިކަ އެގައުމުގެ ރައީސް ކަމަށް އިންތިޚާބުވީ ވޯޓުލީ މީހުންގެ 42.31 އިންސައްތަ ވޯޓު ހޯއްދަވައިގެން ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން