ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯގެ ރައީސް ވެރިކަމުން ދުރުކުރަން އުޅުނު މައްސަލައިގައި 37 މީހަކު މެރުމަށް އެގައުމުގެ އަސްކަރީ ކޯޓަކުން ހުކުމް ކޮށްފިއެވެ.

މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި ބަޣާވާތަކުން ކޮންގޯގެ ރައީސް ވެރިކަމުން ދުރުކުރަން މަސައްކަތް ކުރިކަމުގެ ތުހުމަތުގައި މަރަން ޙުކުމްކުރި 37 މީހުންގެ ތެރޭގައި އެމެރިކާގެ ތިން މީހުންނާއި، އިނގިރޭސިވިލާތާއި ބެލްޖިއަމްގެ މީހެއްގެ އިތުރުން، ކެނެޑާގެ ރައްޔިތެއް ހިމެނެއެެވެ. މި މީހުންގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މިދިޔަ މެއި މަހު ރިޔާސީ ގަނޑުވަރާއި ރައީސް ފެލިކްސް ޝިސެކެޑީގެ އެކުވެރިއެއްގެ ގެއަށް ދިން ހަމަލާގައި އިސްކޮށް ހަރަކާތްތެރިވިކަމުގެ ތުހުމަަތެވެ. މި ހަމަލާގެ ތެރޭގައި މަރުވެފައިވަނީ ކޮންގޯ ނަސްލުގެ އެމެރިކާގެ ރައްޔިތެއް ކަމަށްވާ ކްރިސްޓިއަން މަލަންގާ އާއި އެކު އިތުރު ފަސް މީހުންނެވެ.

މި ހާދިސާއާ ގުޅިގެން ޖުމްލަ 51 މީހެއްގެ މައްޗަށް އަސްކަރީ ކޯޓެއްގައި ޝަރީއަތް ހިންގާފައިވާއިރު، އެ އަޑުއެހުންތައް ގައުމީ ޓީވީ އާއި ރޭޑިއޯއިން ދައްކާފައިވެ އެވެ.

މިމައްސަލައިގައި ޝަރީއަތް ކުރި 51 މީހުންގެ ތެރެއިން 14 މީހަކު ކުށުން ބަރީއަވާ ކަމަށް ނިއްމައި އެމީހުން ވަނީ މިނިވަންކޮށްފައެެވެ. އަސްކަރީ ކޯޓުން ވަނީ އެ ހަމަލާއާ އެމީހުންނާ އެއްވެސް ގުޅުމެއް ނެތް ކަމަށް ހުކުމްކޮށްފައެވެ. އެމައްސަލައިގައި ކުށް ސާބިތުވާ މީހުންނަށް ހުކުމް އިސްތިއުނާފު ކުރުމަށް ފަސް ދުވަހުގެ މުއްދަތެއް ލިބެއެވެ. ކޮންގޯގެ ރައީސް ވެރިކަމުން ދުރުކުރަން އުޅުނު ކަމަށް ބުނެ 37 މީހަކަށް މަރުގެ ޙުކުމް އިއްވި ނަމަވެސް އެގައުމުގައި މަރުގެ ހުކުމް ތަންފީޒު ނުކުރާތާ ގާތްގަނޑަކަށް 20 އަހަރު ވެދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން