ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާން ދޫކޮށްލުމަށް އެދި އެތައް ހާސް ބަޔަކު އެގައުމުގެ މަގުތަކަށް ނުކުމެ މުޒާހަރާކޮށްފި އެވެ.

ޚާން މިނިވަން ކުރުމަށް ގޮވާލާ ޕާކިސްތާނުގައި އެތައް ހާސް ބަޔަކު މަގުމައްޗަށް ނުކުމެފައިވާއިރު އޭނާގެ ޕާޓީން ތުހުމަތު ކުރާ ގޮތުގައި ޚާންގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ދައުވާތަކެކެވެ. އަދި މި ދައުވާތަކުގެ ސަބަބުން ޚާން ޖަލުގައި އޮންނަވާތާ މިހާރު އަހަރަކަށް ވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ޚާންގެ ޕާކިސްތާން ތެހްރީކް-އޭ އިންސާފް (ޕީޓީއައި) ޕާޓީން އިސްލާމްއާބާދުގައި ރޭ އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މި އެއްވުމަކީ މި އަހަރުގެ ފެބްރުއަރީ މަހު ބޭއްވި އެ ގައުމުގެ، ގައުމީ އަދި ސަރަހައްދީ އިންތިޚާބަށް ފަހު އެ ޕާޓީގެ ފުރަތަމަ ބޮޑު އެއްވުންކަން ފާހަގަ ކުރެވެއެވެ.

މީސް މީޑިއާ ޕްލެޓްފޯމް އެކްސްގައި އާންމުކުރި ތަސްވީރުތަކާއި ވީޑިއޯތަކުން ފެންނަނީ ޚާންގެ ސަޕޯޓަރުން އެގައުމުގެ އެކި ހިސާބުތަކުން ވެރިރަށް އިސްލާމް އާބާދާ ދިމާލަށް އެއްވުމުގައި ހިނގަމުންދާ މަންޒަރެވެ.

މި މުޒާހަރާގައި އިސްކޮށް ހަރަކާތްތެރިވަމުން ދިޔަ މީހެއް ކަމަށްވާ ހައްމާދު އަޒްހަރު ބުނީ، ބޮޑުވަޒީރު ޚާން ޖަލުން ދޫކުރެވެންދެން މުޒާހަރާ ހުއްޓާ ނުލާނެ ކަމަށެވެ.

ޕާކިސްތާނުގެ އެކި ހިސާބުތަކުން އެތައް ހާސް ބަޔަކު އެގައުމުގެ ވެރި ރަށާ ދިމާއަށް މިސްރާބުޖަހާފައިވާއިރު ސަރުކާރުން ވަނީ މައި ސިޓީ އަށް ވަދެވެން އޮންނަ ހުރިހާ ދިމާލެއްގައި ސިފައިން ބައިތިއްބާފައެވެ. އަދި ބައެއް ސަރަހައްދުތަކުން ސިޓީ އަށް ނުވަދެވޭ ގޮތް ހަދާފައިވާއިރު މުޒާހަރާގެ ބައިވެރިން ފުލުހުންނާ ކުރިމަތިލައި ސިޓީ ތެރެއަށް ވަންނަމުންދާ މަންޒަރުގެ ފޮޓޯ ތަކާއި ވީޑިއޯތައްވެސް ދައުރުވަމުންދާކަން ފާހަގަ ކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން