ކޮވިޑް 19 އާ ހަނގުރާމަ ކުރަމުންދާ ދިވެހި ޒުވާން ދަރުމަވެރިން
ކޮވިޑް 19 އާ ހަނގުރާމަ ކުރަމުންދާ ދިވެހި ޒުވާން ދަރުމަވެރިން
ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 12 ވަނަ ދުވަހު ފާހަގަ ކުރެވޭ ދުނިޔޭގެ ޒުވާނުންގެ ދުވަހަކީ ޒުވާނުން ކުރާ މަސައްކަތުގެ އަގު ވަޒަން ކޮށް ޒުވާނުން އިސްނަގައި ބާރުވެރި ކުރުވާ، ޒުވާނުން ކުރިއެރުވުމުގެ މުހިންމުކަން ހަނދާން އާކޮށްދޭ ދުވަހެކެވެ.

މިއަހަރުގެ މިދުވަސް އައިއިރު މުޅި ދުނިޔެ މިއޮތީ ސިއްހީ ނުރައްކަލެއްގެ ތެރޭގައެވެ. އަދި މިސިއްހީ ނުރައްކަލުން އަރައިގަތުމަށް އަޅުގަނޑުމެންގެ މި ދިވެހި ރާއްޖޭގައިވެސް، ޒުވާން ޑޮކްޓަރުންނާއި، ޒުވާން ނަރުހުންނާއި، އަދި އެކި ގޮތްތޮތުން ޒުވާން ދަރުމަވެރިން ދަނީ ހަރަކާތް ތެރި ވަމުންނެވެ. ސިއްހީ ނުރައްކަލުގެ ތެރޭގައިވެސް ދިވެހި ޒުވާނުން ދަނީ އިސްސަފުގައި ނަމޫނާ ދަައްކަމުންނެވެ.

ދިވެހި ޒުވާނުން، މަސައްކަތުގައި ކެރޭ ހީވާގި ނަމޫނާ ބައެއްގެ މިސާލު ދައްކުވައި ދެމުންދާއިރު، މިޒުވާނުންގެ އަގުވަޒަން ކުރެވެނީ ކިހާވަރަކަށް ތޯއެވެ؟ އަދި ސޯޝަލް މީޑިޔާގައި ޒުވާނުންގެ އަގު ވަޒަންކޮށްލުމަށް ޖަހައިލެވޭ ފޮޓޯ އަކުން ނިންމާލަންވީތޯއެވެ؟

މިއަދުގެ ޒުވާނުންނަކީ މާދަމާގެ ވެރިންނޭ ބުނެވޭއިރު، ޒުވާނުން އެކިދާއިރާއިން ތަމްރީނު ކުރެވި ޒުވާނުންގެ ކުރިއެރުމަށް ދެވޭ ފުރުސަތުތައް ހަމަހަމަ ކަމާއެކީ ލިބެމުން ދިއުމަކީ އަދިވެސް ކުރެވެންމުންދާ އުއްމީދެކެވެ. މިއަދު މި ޒުވާނުންގެ ކުރިއެރުމަށް ހުޅުވައިދެވޭ ދޮރުތަކަކީ ހަމަޔަގީނުންވެސް ޤައުމުގެ ކުރިއެރުމެވެ.

ނަމަވެސް، ޒުވާނުން ނުބައި މަގުން، ވިއްސި ވިހާލިވެ ދިޔުމަށް އަދިވެސް ދޫކޮށްލެވެނީއެވެ. އެކުދިންނަށް ނަމޫނާ ދައްކަން ތިބި މީހުން އެކުދިން ބާކީ ކޮށް އެކަހެރި ކުރަނީއެވެ؟ ޒުވާނުން ކުރާ މަސައްކަތުގެ އުޖޫރަ ނުދެވޭ ތާނގައި، ކުރާ މަސައްކަތުގެ އަގު ވަޒަން ކޮށްލުމެއްވެސް ނެތީއެވެ. މިކަން މިހެން އޮތް ނަމަވެސް، ގައުމަށް ބޭނުންވާ އެންމެ ބޮޑެތި ކަންކަމުގައި އެންމެ މުހިންމު ކަންކަމުގައި ގައުމަށްޓަކައި އެންމެ އިސްސަފުގައި މިތިބެނީ ހަމަ ޒުވާނުންނެވެ. މިއީ ދެބަސް ނުވެވޭނެ ހަގީގަތެވެ.

ދިވެހި ރާއްޖެއަކީ ޒުވާނުންގެ ނަމޫނާ ގައުމަކަށް ހެދުމަށް، ނަމޫނާ ދިވެހި ޒުވާނުންތަކެއް އުފައްދަން މަސައްކަތް ކުރާށެވެ. އެކުދިން ކުރާ މަސައްކަތުގެ އަގު ވަޒަން ނުކުރާތާގައި އެމީހުންގެ ހިތްމަރާ ނުލާށެވެ. މިއަދު ތަހައްމަލު ކުރަމުންދާ ސިއްހީ ކުއްލި ނުރަކައްލުގެ ހާލަތުގެ ތެރެއިން ފެންނަމުންދާ ޒުވާނުންގެ މަސައްކަތާއި، ޒުވާނުން އިސްނަގައިގެން މަސައްކަތް ކުރުމަށް ހޯދައިދެވޭ ފުރުސަތުތަކަކީ ގައުމެއްގެ ކުރިއެރުމަށް އެޅޭ ބިންގާކަން ކަށަވަރެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާއެކު މިދެންނެވި ގިނަ ޒުވާނުން ތިބީ ވަޒީފާ ގެއްލި މަގުމަތި ވެފައެވެ. އެންމެ ގިނަ ދިވެހި ޒުވާނުން މަސައްކަތް ކުރާ ސިނާއަތް އެއޮތީ މުޅިން ހުއްޓިފައެވެ. އެއާއެކު އެތައް ހާސް ޒުވާނުންގެ ވަޒީފާގެއްލި މަގުމަތިވީއެވެ. ހާލަތު ނިޔާކުރާ ގޮތުން މަހުން މަހަށް ލިބޭ އެއްޗެއް ޚަރަދަށް ބަދަލުކޮށްފައި މަސް ނިމި އަނެއް މަހުގެ މުސާރަ ލިބޭއިރު ތިބެނީ ދަރަނިވެރި ވެފައެވެ. ލިބޭ މުސާރަކޮޅު އެހާވެސް ކުޑައެވެ. މުސާރަ ބައިބަޔަށް އަޅާފައި ޕެންޝަން ފަންޑަށް ވައްދާ އެތިކޮޅު އެހާމެ ކުޑައެވެ. މެދުއުމުރަށް ދާއިރުވެސް ޕެންޝަން އެކައުންޓުގައި އަދި ހަ އަކަރުގެ އަދަދެއް ވެސް ހަމަ ނުވެއެވެ. އެހެންވީމާ ފަހަށް ރައްކާކުރުން އެއީ ހަމަ މަދު ޒުވާނަކަށް ނޫނީ ފުރުސަތު ނެތް ކަމެކެވެ.

ދެން މިދެންނެވި ސިނާއަތުގައި ތިބި، މޫދުންނާއި ދޭ ގަދަ އަވީގައި އުޅެއުޅެ، ހަންގަނޑު އަދާ ކަޅުވެފައި ތިބި ޒުވާނުންގެ ތެރެއިން ގިނަ ކުދިން ރިސޯޓްތަކުން "ނަގާ ހޫރާލީ" އެވެ. އަނެއްބައި ކުދިންނަށް ފާޑެއްގެ ސިޓީގަނޑެއް ދީފައި ރަށުން ބޭލީއެވެ. މަދު ކުއްޖަކަށް ތިން މަހުގެ މުސާރަ ދޭނަމޭ ކިޔައިގެން ބައެއް ރިސޯޓްތަކުގައި ބޭތިއްބިއެވެ. އެކަމަކު އެއީ ހަމަ ހުސް ހޮޅި ވާހަކައެވެ. ގިނަ ކުދިންނަށް ބައިކުޅަ ބައި ލިބުނެވެ. އަނެއް ބައި ކުދިންނަށް ތިންމަހު ލިބުނެވެ. އޭގެ ފަހުން ކޮންމެ މަހެއްވެސް ނިމެނީ ހުސް އަތާއެވެ. އެފަދަ ގިނަ ރިސޯޓު ތަކުން ވެސް ތިން މަސް ފަހުން އެކުދިން ލަފުގައި ހިފާ ބޭރުކޮށްލައިފިއެވެ.

ދެން އޮތީ އާމްދަނީއެއް ލިބޭނެ ގޮތެއް ނެތިގެން ލާ ހޫރުން ނޫންތޯއެވެ؟ ދެން އިނާޔަތް ދޭ، "އެތަނުގައި" ރަޖިސްޓްރީ ކުރަން ލިޔެގެން، ގުޅައިގެން، ފޯނުކޮށްގެން ތަލިން ކުޅު ހިކި ފޯނަށް އެޅި ކްރިޑިޓްކޮޅު ހުސްވެ ރައްޓެއްސެއްގެ ފޯނު ހޯދައިގެން ގުޅާ ހިސާބަށް ދާއިރުވެސް އެތާކު ރަޖިސްޓްރީ ވާގޮތެއް ނުވެއެވެ. ދެން ބައެއް ކުދިންނަށް އޭއްޗެއް ނުލިބެއެކޭ ނޫނެވެ. އެކަންވެސް ތަންފުކެއް ފަސޭހަ ކޮށްލައިދީ، އަވަސްކޮށްލައި ދިނިއްޔާ އެއީ ސަރުކާރުން ކުރާ ކަމެއް ކަމަށް ނުވެދާނެތީ އެކަންވެސް އެހާ "ސްލޯކޮށް" އުނދަގުލުން ވާގޮތަށް ހަމަ އޮންނަން ޖެހެނީ ބާވައޭ ހިތައް އަރައެވެ.

އަދި ތަދުމަޑުކަން އޮތީ ކުރިއަށެވެ. ވަޒީފާގަނޑު ރުޖޫޢަވާނެ އިރެއް ނުވެސް އެނގެއެވެ. މިހާރު އޮތް ހާސް ކަމަކީ، މިހާރު އެދެއްވާ މަހު މުސާކޮޅު ނޫނީ އިނާޔަތްކޮޅު ލިބޭނީ ކިހާ ދުވަހަކުތޯ އުފެދޭ ސުވާލެވެ. ދެން މިހާ ދުވަސް މިކަމުގައި ވޭތުވެގެންދާއިރު މިހާރު ވަޒީފާ ހޯދަން އުޅެ ވަޒީފާ ނުލިބި ތިބި ޒުވާނުންނަށް ވެސް ގޮތެއް ހޯދައިދޭން އެބަޖެހެއެވެ. މިދެންނެވި ކުދިންނަކީ އެތަނުން އެދޭ އެލަވަންސް ކޮޅުވެސް ލިބޭނެ ގޮތެއް ނެތް ކުދިންނެވެ.

ޒުވާނުންގެ ދުވަހެއްގައި ޒުވާނުންގެ ވާހަކަ ދައްކާއިރު މި ހާލަތާއި ގުޅިގެން ދިވެހި ޒުވާނުންނަށް މިއަދު ލިބިފައިވާ ނިކަމެތިކަމުގެ ވާހަކައާއި ހުރި މައްސަލަ ތަކުގެ ވާހަކަ ދައްކާލުމަކީ މުހިންމު ކަމެއް ކަމުގައި ދެކޭތީ އެކަންކަން ފާހަގަކޮށްލީއެވެ. ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޒުވާނުން ކަމަށްވާއިރު ޒުވާނުންނަށް ފަހި ފުރުސަތު ތަކެއް ހޯދައި ނުދީ ޒުވާނުންނަށް މަގު ދައްކައިނުދީ ޒުވާނުން މަގުމަތިވާން ހުރި މަގުތައް ބަންދުކޮށް ނުދީފިނަމަ ހައްތަހާވެސް ދައްކާން އޮންނާނީ ޒުވާނުންގެ "ކަޑަ" ވާހަކައެވެ. ޒުވާނުން ކަންކަން މަތީގައި ބިއްޖެހިފައި ތިބޭ ވާހަކައެވެ. ގޯސް މަގުން ހިނގާ ވާހަކައެވެ. ކުރާނެ މަސައްކަތެއް ނުދައްކައި، ވަންނާނެ ބޯހިޔާވަހިކަމެއް ލިބޭނެ މަގެއްވެސް ނެތި އުޅެން ވެއްޖެއްޔާ ދެެން މަގުމަތީގައި، ކަންކަން މަތީގައި ތިބުން ނޫން އޮތީ ކޮން ގޮތެއް ތޯއެވެ؟


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން