ވަން ޗައިނާ ޕޮލިސީ" ރާއްޖެއިން ދަމަހައްޓާނެކަމުގެ ޔަޤީންކަން ޚާރިޖީ ވަޒީރު މޫސާ ޒަމީރު ދެއްވައިފިއެވެ.

މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، މިޔަގީންކަން ދެއްވީ ޗައިނާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ވަންގ ޔީ އާ ބައްދަލުކުރައްވައި، ދެ ޤައުމު ދެމެދުގައި ބޭއްވި ރަސްމީ ވާހަކަތަކުގެ ތެރޭގައެވެ.

ފޮރިން މިނިސްޓްރީން ބުނީ، ޗައިނާގެ ސްޓޭޓް ގެސްޓް ހައުސްގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ ފޮރިން މިނިސްޓަރ ވަންގ ޔީ، ފޮރިން މިނިސްޓަރ ޒަމީރު އަދި އަރިހުގައި ވަޑައިގެންނެވި ވަފުދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވާ ކަމަށެވެ.

އަދި މިނިސްޓަރ ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޗައިނާގެ ރައީސް އަދި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސް ޝީ ޖިންގޕިންގ އަށް ފޮނުއްވެވި ދެ ސިޓީފުޅެއް، އެ މަނިކުފާނަށް ރައްދުކޮށްދެއްވުމަށްޓަކައި ޗައިނާގެ ޚާރިޖީ ވަޒީރުގެ އަތްޕުޅަށް އަރުވާފައި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ކުރިޔަށް ދިޔަ މަޝްވަރާތަކުގައި، ފޮރިން މިނިސްޓަރ ޒަމީރު ވަނީ ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެކަމުގެ ޔަޤީންކަން ދެއްވާފައި ކަމަށާއި މިއަދުގެ މަޝްވަރާތަކުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން އިތުރުކުރުމާގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިނިސްޓަރ ޒަމީރުގެ ވާހަކައިގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް 50 އަހަރަށް ވުރެ ދިގު ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކޮށް އުސްމިންތަކަށް ގެންދެވުމުގެ މުހިއްމުކަން ފާހަގަ ކުރެއްވި ކަމަށާއި އަދި ޗައިނާއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ މުހިއްމު އަދި ޒަމާންވީ ބައިވެރިއެއްކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް މިނިސްޓަރ ޒަމީރު ޝުކުރުއަދާކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.

މިގޮތުން ދިވެހިރާއްޖޭގެ އިޤްތިޞާދީ މުހިއްމު ބޮޑެތި މަޝްރޫޢުތައް ކަމުގައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ޗައިނާ ސަރުކާރުން ދެއްވާފައިވާ އެހީތެރިކަން ފޮރިން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ މާލީ އިސްލާޙުތަކާގުޅޭ މަޢުލޫމާތު މިނިސްޓަރ ޒަމީރު، ޗައިނާގެ ފޮރިން މިނިސްޓަރާ ޙިއްސާކުރައްވައި، މި މަސައްކަތުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުންވެސް ވަނީ ދެ ޤައުމު ދެމެދު އޮތް ގުޅުން އިތުރުކުރުމުގެ ޔަޤީންކަން އައު ކުރައްވައި، ކުރިޔަށް އޮތް ތަނުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި މަސައްކަތްތައް އިތުރުކުރުމަށް އެއްބަސްވެފައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވަނީ ޗައިނާ އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ގުޅުން ކުރިޔަށް އޮތް ތަނުގައިވެސް އިތުރުވެގެންދާނެކަމަށް އުއްމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ.

ފޮރިން މިނިސްޓަރ ގެ އަރިހުގައި، މިނިސްޓަރ އޮފް ފިނޭންސް، ޑރ. މުޙައްމަދު ޝަފީޤު އާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްތަލިބް އާއި، ދިވެހިރާއްޖެއިން ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. ފަޒީލް ނަޖީބް ގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި، ބޭޖިންގ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.



ކިޔުންތެރިންގެ ހިޔާލު