ހިޔާ ފްލެޓް ސަރަޙައްދުގައި ފޭރޭ ނެޓްވޯކްގައި ހިމެނޭ ދެ މީހަކު ދޫކޮށްލައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހުޅުމާލެ ފޭސް ދޭއް ޕޮލިސް ސްޓޭޝަންގެ އިންޗާޖް ރަޖްނީ ޝުޢައިބު ވިދާޅުވީ، ހުޅުމާލޭ ފޭސް 2ގެ ހިޔާ ފްލެޓް އެޗް ފަހެއްގެ ތިނެއްގެ 18 ނަންބަރު އެޕާޓްމަންޓަށް އޮޅުވާލައިގެން މީހުން ގެންގޮސް ބަރަހާނަކޮށް ބްލެކްމެއިލް ކޮށްގެން އެ މީހުންގެ އަތުން ގިނަ އަދަދެއްގެ ފައިސާއާއި މޯބައިލް ފޯނު ފަދަ ތަކެތި ފޭރޭ މައްސަލަ އެ ސްޓޭޝަނުން ބަލަމުން ގެންދާ ކަމަށެވެ.

އެގޮތުން އެފަދަ ފަސް މައްސަލައެއް ބަލަމުންދާ ކަމަށާއި އޭގެތެރެއިން ޖެނުއަރީ މަހު އެއް މައްސަލަ، އެޕްރިލް މަހު ތިން މައްސަލަ އަދި މެއި މަހުގެ ތެރޭގައި އެއް މައްސަލަ ހުށަހަޅާފައިވާ ކަމަށް ރަޖްނީ ވިދާޅުވި އެވެ.

“ހަށި ވިއްކުމާއި އޮޅުވާލައިގެން މީސްމީހުން އެ އެޕާޓްމަންޓަށް ގެންގޮސް ގަދަކަމުން ބަރަހަނާކޮށް، ބަރަހަނާ ވީޑިއޯ ނަގައި ބްލެކްމެއިލްކޮށް، ފައިސާ ހޯދުމާއި އެތަނުގެ ތެރޭގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރުމާއި މަސްތުވާތަކެތި ބޭނުންކުރުންފަދަ ގާނޫނާ ހިލާފް އެތައް އަމަލެއް ހިންގާފައިވޭ،” ރަޖްނީ ވިދާޅުވި އެވެ.

އަދި އެމައްސަލާގައި މިހާތަނަށް ހަތް މީހަކު ހައްޔަރުކޮށްފައި ވާކަމަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ މ. ގޮއިބިލިގަސްދޮށުގެ އައިމިނަތު ހުމައިނާ ޒަކަރިއްޔާ އާއި، ދަފްތަރު ނަންބަރު ދރ 1835 އާޔަތު އައްބާސް އާއި ގއ. ދާންދޫ ޕެލަސް ހައުސް މުހައްމަދު އާދަމާއި ގ. ކަނދުމާގޭ ސަމާހު އަލީ އާއި ދ. ކުޑަހުވަދޫ ސަންފްލާވާ މުހައްމަދު މުނީރު އާއި ނ. ވެލިދޫ ކިފާޒް އަހުމަދު މާޖިދާއި މ. ސީނަރީވިއު އަހުމަދު މަދީހު އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ހިމެނޭ މަދީހު 15 ދުވަހަށް ބަންދުކުރުމަށް ފަހު ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި ހިމެނޭ ހުމައިނާ އަކީ މާބަނޑު އަންހެނަކަށްވާތީވެ ސިއްހީ ހާލަތަށް ރިޔާއަތްކޮށް ކޯޓަށް ނުގެންގޮސް އޭނާވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން މިއަދު ވަނީ މަޢުލޫމާތު ދީފައެވެ.

ފަހަކަށް އައިސް މާލޭ ސަރަޙައްދުގައި ފޭރުމުގެ މައްސަލަތައް އިތުރުވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލުޓްރެންޑިން