އިންޑިއާގެ ލޯކް ސަބާގައި އިދިކޮޅު ޕާޓީތައް ތަމްސީލްކުރާނެ ލީޑަރެއްގެ ގޮތުގައި ރާހުލް ގާނދީގެ ނަން ހުށަހަޅައިފިއެވެ.

ރާހުލް ރަސްމީކޮށް އިދިކޮޅު ލީޑަރަކަށް ހަމަޖައްސަން ހުށަހެޅީ ކޮންގްރެސް ޕާޓީގެ ބައްދަލުވުމެއްގައި ބައިވެރިވި ބޭފުޅުންގެ އިއްތިފާގުންނެވެ. އިދިކޮޅު ލީޑަރު ކަނޑައަޅަނީ އެ މަގާމު 2014 އިން ފެށިގެން ހުސްކޮށް އޮތުމަށް ފަހުއެވެ. ލޯކް ސަބާގެ ގަވާއިދުގައިވާ ގޮތުން އިދިކޮޅު ލީޑަރުކަމަށް ކަނޑައެޅޭނީ 543 މެންބަރުން ހިމެނޭ މަޖިލީހުގެ 10 ޕަސެންޓަށް ވުރެ މަތިން ހިއްސާވާ ޕާޓީއެއްގެ ބޭފުޅަކަށެވެ.

އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ އަށް މިފަހަރު އާންމު އިންތިޚާބުގައި ވަނީ އަޣުލަބިއްޔަތު ގެއްލި ކޯލިޝަން ސަރުކާރެއް ހަދަން ޖެހިފައެވެ. ބީޖޭޕީއާ އެކު އިންތިޚާބަށް ނުކުތް 15 ޕާޓީ ހިމެނޭ ނެޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ) އާއި ބީޖޭޕީގެ ގޮނޑިތައް އެއްކޮށްލުމުން ޖުމްލަ ލިބެނީ ގާނޫނު ހަދާ މަޖިލީހުގެ 293 ގޮނޑިއެވެ.

ރާހުލް ވަނީ މިފަހަރު އިންތިޚާބުގައި ތަފާތު ބޮޑު ރަނގަޅު ނަތީޖާއެއް ނެރެފައެވެ. މިއީ ބޮޑުވަޒީރު ކަމަށް ބީޖޭޕީގެ ނަރެންދުރަ މޯދީ ވަޑައިގެން ފަހުން ކޮންގްރެސް އަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން