ދުނިޔެ އަށް ކުރިމަތިވި ކޯވިޑް-19ގެ ނުރައްކާ ބަލިމަޑުކަން ރާއްޖެއަށް ފޯރައި ގައުމުގެ އިގުތިސޯދު ހުއްޓި، ރައްޔިތުންގެ ދިރިއުޅުން ހުއްޓި، އަދި ސަރުކާރު ވެސް ގާތްގަނޑަކަށް މިވަނީ ހުއްޓުމަކަށަ އައިސްފައެވެ. މިފަދަ ދަތި ދަނޑިވަޅެއްގައި ސަރުކާރުގެ ތެރެއިން ކުރާ ބޮޑެތި ހޭދަތަކާމެދު ވިސްނާލުމަކީ ވަރަށް މުހިންމު ކަމެކެވެ. އެންމެ ލޯ ލާރިއެއް ވެސް ސަރުކާރުން މިވަގުތު ބޭކާރު ގޮތުގައި ހޭދަ ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ރައްޔިތުން ތިބީ އެއަށްވުރެ ދަތި ނިކަމެތި ހާލުގައެވެ. ކޮވިޑްގެ ވަރުގަދަ ރާޅާއެކު ދިރިއުޅުމުގެ ހުރިހާ ކަމެއް ބަދަލުކޮށްލައިފިއެވެ. ރައްޔިތުންގެ ވަޒީފާތައް ގެއްލި ބިކަވެ އާމްދަނީ ލިބޭނެ މަގު ބަންދުވެއްޖެއެވެ. ރައްޔިތުން ތިބީ އަތާ އަނގަޔާ ދިމާނުވާ ހާލުގައެވެ. ގިނަ މީހުން ތިބީ މާދަމާވެސް ބަނޑުފުރާނެ ގޮތެއް ނެތި ފިކުރު ބޮޑުވެފައެވެ. ރައްޔިތުން މިހާލުގައި ތިއްބާ ސަރުކާރުން ރައްޔިތުންގެ ފައިސާ އިން މިވަގުތަށް މުހިންމު ނޫން ބޮޑެތި ހޭދަތައް ކުރާނަމަ ނުވަތަ ކުރާތަން ފެންނަ ނަމަ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް އޮންނާނެއެވެ. އެވާހަކަ ރައްޔިތުން ދައްކާނެއެވެ.

އަސްލު މައުޟޫއަށް މި އާދެވުނީ އަދި ކިރިޔާ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ފޮޓޯތަކުން ފެންނަނީ، ރީތި، ތަނަވަސްކޮށް ހަދާފައިވާ މާލަމެކެވެ. ނުވަތަ އެބުނާ ކަހަލަ ސަޅި ފުރިހަމަ ޝާހީ އޮފީހެކެވެ. އިންޓީރިއާ ފުރިހަމަކަމާއެކު، އަޅާފައިވާ މޮޅު، ސަޅި ކާޕެޓާއި އަރުރާލާފައި ހުރި ބިޔަ ބޮޑެތި ގޮނޑިތަކާއި ދަމާފައިވާ ނަލަ ދޮރުފޮއްޗާއި ލާފައި ހުރި ޝާހީ ބޮކިތަކާއި ފަންގިފިލާގައި އަޅާލާފައި ހުރި ނަލަ ޑިޒަިނުން މާލަމުގެ ހައިބަތު ދައްކުވައިދެއެވެ. ކޮވިޑް-19ގެ ބަލިމަޑުކަމުގެ މި ހާލަތުގައި އެހާ ބޮޑު ހޭދައެއް ދައުލަތުގެ ބަޖެޓުން ކޮށްފައިވާތީ އާންމުންގެ ޝަކުވާ ތަކާއި ފާޑުކިޔުން އަމާޒުވީ އެހެން ވެގެންނެވެ. ދިވެހި ސަރުކާރުގެ އޮފީހެއްގައި، މިނިސްޓްރީއެއްގައި މިހާތަނަށް ރާއްޖެއިން ނުފެންނަ ވަރުގެ ފެންވަރު ރަނގަޅު ތަނެއް ބޮޑު ހޭދައެއް ކޮށްގެން ހަދާފައި ހުރީމައެވެ. ޝާހީ ގަނޑުވަރަކުން ފެންނަ ފަދަ މަންޒަރު ތަކެއް ސަރުކާރުގެ ވުޒާރާއެއްގެ އެބުނާ ކަހަލަ ޖަލްސާ ކުރާ މާލަމަކުން ފެނުނީމާ ގިނަ މީހުން ހަމަ "ސޮނިވެއްޓުނީ" އެވެ. އެތަނަށް ކޮށްފައިވާ ޚަރަދު ހިތް މައްޗަށް އައުމުން އިނގިލި ކުރީގައި ދައިގަނެވެނީއެވެ.

ސޯޝަލް މީޑިއާގައި ދައުރުވި އެބުނާ ހޯލްގެ ބައެއް ފޮޓޯތަކަކީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިންނަވާ ކޮޓަރިކޮޅު ކަމަށް ބުނެ ދައްކަމުން ގެންދާ ވާހަކަތައް އެ މިނިސްޓްރީ އިން ވަނީ ދޮގުކޮށްފައެވެ. ފާޑުކިޔުން އަމާޒުވުމުން ހެލްތް މިނިސްޓްރީ އިން މިހާރު ބުނަނީ އެއީ މިނިސްޓްރީގެ ގިނަ އިވެންޓްތަކެއް ބޭރުގައި ބާއްވަން ޖެހުމުން ކުރަން ޖެހޭ ހަރަދު ކުޑަކުރަން ހެދި ތަނެއް ކަމަށެވެ. އެއީ، 2019 ގައި ބީލަމަށް ހުޅުވާލައިގެން ކޮވިޑުގެ ކުރިން ކުރަން ފެށި މަސައްކަތެއް ކަމަށް ވެސް ހެލްތް މިނިސްޓްރީ އިން ބުނެފައިވެއެވެ.



އެހެން ނަމަވެސް މިތަނަށް ކުރި ހޭދައިގެ ތަފްސީލެއް އަދި އެ ހޯލު ޑިޒައިންކުރި މީހުންނާއި މަސައްކަތް ކުރި ބަޔަކު ވެސް މިނިސްޓްރީ އިން ހާމައެއް ނުކުރެއެވެ. އެކަމަކު އެ ހޯލު ހެދީ އެހެން ފަރާތްތަކަށް ކުއްޔަށް ދޫކޮށްގެން ދައުލަތަށް ފައިސާ ވަންނާނެ ގޮތަށް ކަމަށް ހެލްތް އިން ބުނެ އެވެ. މިއީ ދެން ވަރަށް ދެއުޅި އެއްނުވާ ވާހަކައެއް ކަމަށް ގިނަ މީހުން ވަނީ ބުނެފައެވެ. ސަރުކާރުގެ އޮފީހަކުން ބާއްވާ ބައްދަލުވުންތައް ބާއްވާލަން ތަނެއް ހަދަން ވާނީ މިފެންވަރަށްތޯ ގިނަ ބަޔަކު ސުވާލު ކުރިއެވެ. ސަރުކާރުގެ ވުޒާރާތަކުން ޖަލްސާ ބާއްވަން ޖެހޭ ގޮތުގެ އެސްއޯޕީގައި އޮންނަނީ މިހާ ވަރުގަދަ މާލަމެއްގައި ނޫނީ ޚަރަދުކުޑަކުރާން ބައްދަލުވުން ނުބޭއްވޭ ގޮތަށްތޯ އެމީހުން ސުވާލު ކޮށްފައި ވެއެވެ. ސަރުކާރަށް ލާރ ހޯދައިދޭން، ނޫނީ ސަރުކާރުން ބޭނުންވާ ބައްދަލުވުންތައް ބާއްވަން މާލަން ހަދައިދޭން މިހާރު ޖެހެނީ ހެލްތު މިނިސްޓްރީއަށްތޯއެވެ؟ އެމަސައްކަތް ފިނޭންސް މިނިސްޓްރީން ހެލްތު މިނިސްޓަރާއި ހަވާލުކުރީ ކޮން އިރަކު ތޯއެވެ؟ މިއީ އެފާޑުގެ ވާހަކަ ދެއްކީމާ މީހުން ހަމަ ކުރާނެ ސުވާލު ތަކެވެ.

ހެލްތު މިނިސްޓްރީގެ ޝާހީ މާލަމަށް ޚަރަދުކުރިވަރު ސިއްރެއްގެ ގޮތުގައި އޮވެ ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް ހުރިިއިރު އަނެއްކާ އަނެއް ވަޒީރަކު ރައްޔިތުންގެ ފައިސާއިން 8 ލައްކަ ރުފިޔާ ޚަރަދުކޮށްގެން ޝާހީ ކޮޓަރިކޮޅެއް ހަދައިފިއެވެ. މިފަހަރު ހެލްތް މިނިސްޓަރު އަބުދު ﷲ އަމީނާއި ގާތްގުޅުމެއް އޮންނަ ސައިންސް އެންޑް ޓެކްނޮލެޖީގެ މިނިސްޓަރު މުހަންމަދު މަލީހު ޖަމާލެވެ. ރައްޔިތުންނަށް ރޭކާވެސް ނުލައެވެ. ވާނުވާވެސް ނޭނގެއެވެ.



އެ ކޮޓަރިކޮޅުގެ ފޮޓޯތައް ފެނިފައި ކޮމެންޓްކުރި މީހުން، އިންޓަނެޓްގެ އަގު ހެއު ނުވެގެން މިއުޅެނީ ކޮޓަރިކޮޅު ކުޑަވެގެންތޯ ވެސް އަހާފައި ވެއެވެ. ފެންނަ ފެނުމުން، ވަޒީރުންގެ ކޮޓަރިކޮޅު ޒަމާނީ ފެންވަރަށް ހެދުމުގެ ވާދަވެރިކަމެއް ފެށުނީބާއޭވެސް ހިތަށް އަރައެވެ. މިހެން ވެއްޖެނަމަ މިއީ އަދި ކޮވިޑަށް ވުރެ މާ ބިރުބޮޑު ކަމެކެވެ. ހައްތަހާވެސް ބާރުބޮޑުވާނީ ދައުލަތުގެ ބަޖެޓަށެވެ. ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލުގެ ކޮޓަރިކޮޅުގެ އިންޓީރިއާ ޑިޒައިން އެއްކޮށް ބަދަލުކޮށް ރީތި ކުރުމަށް ދައުލަތުން ބޮޑު ހޭދައެއް ކޮށްފައިވާއިރު ރައްޔިތުންނަށް ޚިދުމަތް ނުދެވިގެން އުޅެނީ ވަޒީރު ސަކަރާތް ޖައްސަވާ ކޮޓަރިކޮޅު ކުޑަވެގެން ކަމަށް ވާނަމަ ދެން ދަންނަވާނެ އެއްޗެއް ނެތެވެ. މަލީހުގެ ކޮޓަރިކޮޅު ވައިޓް ހައުސްގެ އޯވަލް އޮފީހާއި ވައްތަރުގޮތަކަށް ހެދުމަށް ވަރަށް ބޮޑު ހަރަދެެއް ކުރިކަމަށް ބުނެވެއެވެ. ތަން ތައްޔާރު ކުރުމުގައި ބެއްލެވީ ވީހާވެސް ރީތިކޮށް ފުރިހަމަކޮށް އެތަން ތައްޔާރު ކުރެވޭތޯ ބެލުމަށް ކަމަށް މިނިސްޓްރީ އިން ބުނެ އެވެ. ކޮޓަރިކޮޅު ކިތަންމެ ހާވެސް ރީތި ވެފައި ފުރިހަމަ އެވެ. އެކަމަކު ރައްޔިތުންނަށް ދޭ ޚިދުމަތްތަކުން އެކަން ފެންނާނެތޯ، މީ އުފެދޭ ސުވާލެކެވެ.

ދާދިފަހުން ތިޔަ ގޮތަށް ކޮޓަރި ހަދައިގެން ވަޒީރަކު ޖެއްސެވި ސަކަރާތް ރައްޔިތުންނަށް ތިލަވިއިރު ލޮލުން ތަރި ބުރައިގެން ދިޔައެވެ. ރާއްޖެ އިސްތިހާރު ކުރަނީއޭ ވިދާޅުވެ ފާޑު ފާޑުގެ ފިލްމާއި ވީޑިއޯ ކުޅެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ފަރުދާގެ ފުރަގަހުގައި "ސެންސަރުކޮށް" ގަތްގަނޑު ފަޅާއަރައި ވަޒީރު އެ ވަނީ ހަފޮޅުން ބޭރުވެފައެވެ. އެވަޒީރާ ހެދި ސަރުކާރުގެ ވެރިންނާއި ގިނަ މުވައްޒަފުން ތިބީ ގަތްލަދުން ދެފައި ކައިރިކޮށްލަން ވެސް ނުކެރިފައެވެ. އެކަމަކު މިހާރު މަލީހަކީ ސަރުކާރުގެ ނަގާކިޔާ މީހުންގެ "ގުޑް ބުކް" ގައި އޮތް މީހެއް ކަމަށް ބުނެއެވެ. އެމީހުންގެ ޖީބަށް ބަރުވާ ގޮތަށް ކަންކަން ކޮށްދެއްވާ ބޭފުޅަކަށް ވާތީ އެފޮތަށް އެރުމުން ދެން މަލީހުގެ ވާހަކަ އެބުނާ މާލަން ތަކަކު ނުދާއްކާނެތާއެވެ.



ރައީސް އޮފީހާއި ތީމުގެ އިން ނުފެންނަ ވަރުގެ އެންމެ އަގުބޮޑު ރަން ފާޚާނާ ތަކާއި ކާޕެޓްތަކާއި ގޮނޑި ވައްދައިގެން މިވެރިން ފަރުދާގެ ފުރަގަހުގައި މި ހިންގަނީ ކޮންފަދަ ކަމެއްބާ އޭ ހިތައް އަރައެވެ. ޙެލްތް މިނިސްޓްރީގެ ހައިބަތު ބޮޑު ޝާހީ ހޯލް ގިނަ ބަޔަކަށް ސިފަކުރެވުނީ ޔޫއޭއީގެ އަމީރުގެ ގަނޑުވަރުގެ ބައެއްގެ ގޮތުގައެވެ. މިފެންވަރުގެ ތަނެއްގައި ނޫނީ މިވެރިންނަށް ޖަލްސާވެސް ނުކޮށްލެވެނީ ބާވައެވެ؟ އެފެންވަރު ނެތް ތަނެއްގައި އެވެރިންގެ ފިނދުކިބަވެސް ޖައްސައި ނުލެވީ ކަންނޭގެއެވެ. އެނގޭ އެއްޗަކީ ކިތަންމެ ރީތި އަގުބޮޑު އޮފީސްތަކާއި މާލަންތައް ހަދައިގެން ވަދެ ތިއްބަސް ސަރުކާރުން ކުރާ ކަންކަމުގެ ވާހަކަ އެވެރިން ދައްކާ އަޑު ނީވޭކަމެވެ. ސަރުކާރާއި ރައީސް ސޯލިހު ދިފާއު ކުރަން ސަރުކާރުން ކަމެއް ކުރާ ކަމަށް ބުނެ އެވެރިންގެ ދުލުން ބަހެއް ބުނާ އަޑެއް ނީވެއެވެ.

ހެލްތު މިނިސްޓްރީގެ ހައިބަތު ބޮޑު ޝާހީ ބޮޑު ހޯލް ހެދުމަށް ފައިސާ ހޯދި ގޮތާއި އެމަސައްކަތް ހަވާލުކުރި ބަޔަކު، ޒީރޯ ޓޮލެރަންސްގެ ދަށުން ރައްޔިތުންނަށް ސާފުވާން އެބަޖެހެއެވެ. މިދައްކަނީ ހެލްތް މިނިސްޓްރީގެ ނުވަތަ ވަޒީރު އަމީނުގެ ފައިސާ އިން ގަނޑުވަރު ހެދި ވާހަކަ އެއް ނޫންވިއްޔާއެވެ. އެހެންނަމަ ރައްޔިތުން މި ވާހަކަ ބޮޑުކޮށްގެންނެއް ނުދައްކާނެއެވެ. މިދައްކަނީ ރައްޔިތުންގެ ޓެކްސް ފައިސާއިން ހެދި ޝާހީ ހޯލްގެ ވާހަކައެވެ.

ކުރީގެ ރައީސް މައުމޫން ސަރުކާރުގެ ރިޔާސީ ގަނޑުވަރު ތީމުގޭގައި ރަން ފާޚާނާ ތަށްޓާއި ރަނާއިި ރިހިން އަގުބޮޑެތި ތަންތަން ހަދާފައިހުރުމުން އެވާހަކަ ވަރަށް ހުތުރުކޮށް އަޅުގަނޑުމެންގެ ތެރެއިން ބަޔަކު ދެއްކިއެވެ. އަދި އެއީ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުންކަމުގައި ސިފަކުރިއެވެ. ބޮޑެތި ކޮރަޕްޝަން ކަމުގައި ބުންޏެވެ. އޭރު އެގޮތް ރަނގަޅު ނުވި މީހުންނަށް މިއަދު އެގޮތް ރަނގަޅު ވުމަކީ ވެސް މައްސަލައެއް ނޫންތޯއެވެ؟ އޭރު އެވާހަކަ ދެއްކި މީހުން މިއަދު ވެރިކަމުގައި ތިބެ އެމީހުންގެ ސަރުކާރުގެ އޮފީހުގައި ޝާހީ މާލަންތައް ހަދައިގެން އަގުބޮޑު ގޮނޑި ބަހައްޓަގައި އިށީނދެ އަގުބޮޑު ކާޕެޓް މަތީގައި ހިނގަން ހަމަ އޯކޭ ވެއްޖެއްޔާ ދެން ރައްޔިތުން ފާޑުކިޔައި ސުވާލު އުފައްދާނެއެވެ.



ކޮވިޑާއި ގުޅިގެންވެސް ސަރުކާރުން ފައިސާ އިސްރާފު ކުރާ ކަމުގެ ތުހުމަތުތައް ކުރެވުމުންދާއިރު ހެލްތް މިނިސްޓްރީ އިން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން އެމަޖެންސީގައި ގެންނަން އުޅުނު 75 ވެންޓިލޭޓަރަށް ވީ ގޮތް ދެނަހުރި މީހަކު ވެސް މިއުޑުދަށަކު ނެތެވެ. ވެންޓިލޭޓަރުތައް ރާއްޖެ އަންނާނެ ކަމަށް ބުނެ ދިން ތާރިޚުތައް ފަހަނައަޅައި ހިނގައްޖެއެވެ. ކޮވިޑްގެ އާންމު ހާލަތުގައި ގެންނަން ބުނި ވެންޓިލޭޓަރުތައް ކޮވިޑްގެ އެންމެ ނުރައްކާތެރި ހާލަތާއި ކުރިމަތިލީއިރު ވެސް ހަމަ އަންނަނީ، އަންނަނީއޭ ކިޔައިގެން ފަރުޖައްސާލަނީއެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް މޭ 11 ގައި ވިދާޅުވީ އޭގެ ތެރެއިން 45 ވެންޓިލޭޓަރު އެ މަހުގެ ތެރޭގައި ރާއްޖެ ގެނެވޭވަރު ވާނެ ކަމަށެވެ. މޭ، ޖޫން އަދި ޖުލައި މަސް ވެސް ނިމި އޮގަސްޓް މަހަށް އަލިވިލިއްޖެއެވެ. ހެލްތު މިނިސްޓްރީ އިން ވެންޓިލޭޓަރު ގެނައުމަށް 30 މިލިއަން ރުފިޔާ އެޑްވާންސްކޮށް ދައްކައިފައިވާ ކަން ކުރިން ހާމަކޮށްފައިވެއެވެ. މިއީ އެ ހުރިހާ ވެންޓިލޭޓަރަށް ޖެހޭ 34 މިލިއަން ރުފިޔާގެ 90 ޕަސެންޓް އަގެވެ. ވެންޓިލޭޓަރުތައް ގެނައުން ލަސްވެ ރައްޔިތުން އެތިވަރު ގޮވަން ފެށުމުން ހެލްތް މިނިސްޓްރީ ވަރަށް މަޖާ ފާޑެއްގެ ވާހަކައެއް ދައްކައިފިއެވެ. މިހާރު އެހެން ރާގަކަށް ކިޔަން ފެށީ އެހެން ލަވައެކެވެ.

އެގްޒެކިއުޓާސް އިން ވެންޓިލޭޓަރުތައް ނުފޮނުވަނީ ވެންޓިލޭޓަރުތަކުގެ ފުލް ޕޭމަންޓް ނުދައްކާތީ، ޔޯލައެވެ. މީހަކު ޢަޖައިބު އަންތަރީހެއް ނުވާނެހެއްޔެވެ؟ ފައިސާގެ ބޮޑު މުއާމަލާތެއް ހިންގުމަށްފަހު ގައުމެއްގެ ސަރުކާރަކުން ޒިންމާވާ ކަމެއްގައި، ބާކީ ހަތަރު މިލިއަން ރުފިޔާ ނުލިބޭތީ ވެންޓިލޭޓަރުތައް ރާއްޖެ ނުފޮނުވަނިއްޔޭ، ބުނުމަކީ ހަމަ އަރަތެކެވެ. އާންމު ރައްޔިތުންނަށް ގަބޫލު ކުރަން ދަތި ނަމަވެސް ހެލްތް މިނިސްޓްރީ އިން މިހާރު ދައްކާ ބަހަނާ އަކީ އެއީއެވެ. ސަރުކާރުން ތިޔަވަރުގެ ކަމެއް ހަވާލުކުރަނީ ދުބާއީގެ އެގްޒެކިއުސްޓާސްއަށް ވަރަށް ބޮޑަށް އިތުބާރު ކޮށްފައި ކަމަށް ގަބޫލުކުރެވެއެވެ. އެކަމަކު މިފަހަރު ކަން މިވީ އެހެނެއް ނޫންތާއެވެ؟

ކޮރޯނާވައިރަސްގެ ހިޔަނީގައި ހިޔާނާތުގެ މުއާމަލާތްތަށް ހިންގަމުންދާ ކަމަށް ތުހުމަތުކުރެވޭއިރު ދުބާއީގެ އެގްޒެކިއުޓާސް އަށް އެކަހަލަ ތުހުމަތެއް އަދިއެއްް ނެތެވެ. އެހެންވީމާ ވެންޓިލޭޓަރު ތައް ރާއްޖެ އަށް ގެނައުމުގެ މައްސަލައިގައި އަޑިނޭގެ އެތައް ކަމެއް ހިނގާފައިވާ ކަމަށްބުނެ ތުހުމަތުގެ އިނގިލި ދިއްކުރަން ޖާގަ ލިބެނީއެވެ. އެކަހަލަ ކަންތައްތަކެއް ހިނގާފައިނުވާނަަމަ މިތުހުމަތުތައް ހެލްތް މިނިސްޓްރީ އިން އަދި ސަރުކާރުން ސާފު ކޮށްދޭންޖެހެއެވެ.

އެންމެ ރަނގަޅެވެ. އެގްޒެކިއުޓާސް އިން ވެންޓިލޭޓަރުތައް ނުފޮނުވަނީ ވެންޓިލޭޓަރުތަކުގެ ފުލް ޕޭމަންޓް ނުދައްކާތީއެވެ. އެހެން ނަމަވެސް ސުވާލަކީ ދުބާއީ ކުންފުންޏަށް ފައިސާ ދެއްކި 75 ވެންޓިލޭޓަރަށް ވީ ކިހިނެ ހެއްޔެވެ؟ ހަމަ ގައިމުވެސް އެ ވެންޓިލޭޓަރުތައް ރާއްޖެއަށް އަންނަން ވާނެ ނޫންތޯއެވެ؟ އެ ވެންޓިލޭޓަރުތަކަށް ވީގޮތެއް ވެސް ނޭގެއެވެ. ޝައްކާ ވަހުމާއި ކޮރަޕްޝަނާއި ޚިޔާނާތުގެ ތުހުމަތުތައް ކުރެވެނީ މިހެންވެގެންނެވެ. މިއީ އެބުނާ 75 ވެންޓިލޭޓަރާ ބެހޭ ގޮތުން ހިންގި މުއާމަލާތްތަކުގެ މައުލޫމާތު ސަރުކާރުން ސާފުކޮށްދީ މި އޮޅުން ބޮޅުން ގަނޑުގެ ތެރެއިން ރައްޔިތުންނެރެ ހަގީގަތް ހާމަކޮށްދޭންޖެހޭ ވަގުތެވެ. މިއަށް ވުރެ ވަކި މުނާސަބު ވަގުތެއް މިކަމަށް އޮތްހެނެތް ހިއެއް ނުވެއެވެ. އޭރުން އެކަން ހިންގުމުގައި އަޑީގައި ތިބި އެއްޗެހިތައް މައްޗަށް، ފެންމައްޗަށް އަރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު


8

ތަކުރުފާން

10-Aug-2020

އަންބިލީވްބްލް ހެޔޮވާނީ ކިހިނެތް މި ހާލަތުގަ މި ގޮތަށް ގަނޑުވަރު ހަދަން ރައީސް ސޯލިހަށް ޖެއްސުން ކުރުން ނޫން ދެން ކޮންކަމެއް މި ވެރިން މިކުރަނީ


10

ތަކުރުފާން

10-Aug-2020

އަންބިލީވްބްލް ހެޔޮވާނީ ކިހިނެތް މި ހާލަތުގަ މި ގޮތަށް ގަނޑުވަރު ހަދަން ރައީސް ސޯލިހަށް ޖެއްސުން ކުރުން ނޫން ދެން ކޮންކަމެއް މި ވެރިން މިކުރަނީ


15

ޖައުފަރު

10-Aug-2020

މީ ރައީސް ސޯލިހް ގެ ސަރުކާރަށް ޖެއްސުމަށް ވަޒީރުން ކުރާ ކަމެއް މި ޒާތުގެ ވަޒީރުން ބޭރު ކޮށްލަންޖެހޭ


27

ޒީނަ

10-Aug-2020

އަޅުގަނޑު މިހުރީ ތަލިން ކުޅުހިކި ބަސް ހުއްޓިފަ މި ލިޔުމުގައި މި ވަނީ ހަމަ ދިވެހިރާއްޖޭގެ ވުޒާރާ އެއްގެ މާލަމް ތަކާއި ކޮޓަރި ކޮޅެއް ތޯ އަޅެ މީ އަރަބިކަރަިގެ މުއްސަނދި ގައުމެއްގެ ތަނެއްތޯ ނޫނީ ނެޓުން ނެންގެވި ބޭރު ފޮޓޯތަކެއްތޯ



ޓްރެންޑިން