ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް، ޕީއެންއެފްގެ އޮފީސް، އެމަނިކުފާނުގެ އަމިއްލަ ގެކޮޅަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި އެވެ.

ޕީއެންއެފްގެ އޮފީސް މީގެ ކުރިން ހިންގަމުން ދިޔައީ، ޕީޕީއެމް/ޕީއެންސީ އޮފީސް މީގެ ކުރިން ހިންގަމުން ދިޔަ ހ. ހުރަފާގަ އެވެ. ނަމަވެސް ކުރިޔަށް އޮތް ދެ ދުވަހެއް ތެރޭގައި އެ ޕާޓީގެ އޮފީހާއި، ޗެނަލް 13ގެ އޮފީސް ރައީސް ޔާމީންގެ ގެކޮޅަށް ބަދަލު ކުރާނެ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ޕީއެންއެފްގެ އޮފީސް ރައީސް ޔާމީންގެ ގެކޮޅަށް ބަދަލު ކުރުމަށް ނިންމާފައިވާއިރު، ވާދަވެރި ކޮންގްރެސް ޕާޓީން ވަނީ ކުރިން އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ހަރުގެ ހިންގި ބިން ކުއްޔަށް ނަގައިފަ އެވެ. އަދި އެ ހަރުގޭގައި ސިޔާސީ މަސައްކަތް ފެށުމަށް އެޕާޓީން މިހާރުދަނީ މަސައްކަތް ކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީއެންސީން ހ. ވެޔޮވިލާ ކުއްޔަން ނަގާފައިވަނީ ފަސް އަހަރުގެ މުއްދަތަށެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ރަޖިސްޓްރީކޮށްދިނީ މިދިޔަ އޭޕްރީލް މަހުގެ 25 ވަނަ ދުވަހު އެވެ. އެ ޕާޓީގެ މަސްއޫލުވެރިޔަކީ އަދި ރައީސް އަކީ ރައީސް ޔާމީންގެ ދަރިކަލުން ޒެއިން ޔާމީން އެވެ.

ޕީއެންއެފްގެ ދާއިމީ ސެނެޓެއް އިންތިހާބު ކުރެވެންދެން، ވަގުތީ ސެނެޓަށް ރައީސް ޔާމީން ހިމެނޭހެން 20 މެންބަރުން މިހާރުވަނީ އައްޔަން ކޮށްފަ އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން