ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަބްދުއްރަހީމް
ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަބްދުއްރަހީމް
ގޭގޭގެ ސިޓިންގ ރޫމުގައި ދެލޯ މަރައިގެން ތިބޭ ބަޔަކަށް ގައުމުގައި ހިނގަމުންދާ ބޮޑެތި ތަރައްގީގެ މަޝްރޫއުތައް ނުފެންނާނެ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އިދިކޮޅު ފަރާތްތަކަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ވެރިކަންކުރާ ޕީއެންސީގެ ކޮންގްރެސް ނިންމުމުގެ މުނާސަބަތުގައި ބޭއްވި ޚާއްޞަ ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޖަލްސާގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ޕީއެންސީގެ މެންބަރުންނަކީ ގައުމީ ފިކުރުގެ މީހުން ކަމަށާއި، ރައްޔިތުންގެ ވެރިކަމެއް ރައްޔިތުންނަށް ކޮށްދެވޭނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދައްކަވާ ނަމޫނާއާ އެއްގޮތަށް ރައްޔިތުންނާ ހަމައަށް ތިރިވެގެން ކަމަށެވެ. އަދި ރައީސްގެ ފަހަތްޕުޅުގައި ސާބިތުވެ ތިބެވޭނީ ބޮޑާކަމާއި ކިބުރުވެރިކަމެއް ނެތި، އިޚްލާޞްތެރިކަމާއެކު މަސައްކަތް ކޮށްގެން ކަމަށް ވިދާޅުވެ، އެމަނިކުފާނު ވަނީ މަރުހޫމް ސަލާހުއްދީންގެ ބަސްފުޅަކަށް ރިޢާޔަތްކުރައްވައި ކިބުރުވެރިކަމުގެ ނުބައިކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ކާމިޔާބީއަކީ އުފަންވާ ރަށަކަށް ނުވަތަ ނިސްބަތްވާ އާއިލާއަކަށް ބިނާވެފައިވާ ކަމެއް ނޫން ކަމަށާއި، އެއީ ތެދުވެރިކަމާއި އިހުލާސްތެރިކަމާއެކު ގަދައަޅައި ކުރާ މަސައްކަތް ކަމަށްވެސް ވިދާޅުވިއެވެ.

ސަރުކާރުގެ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، ރާއްޖޭގައި މީގެ ކުރިން އެއްވެސް ބަޔަކަށް ހައްލުނުކުރެވި އޮތް ބޭރު މީހުންގެ މައްސަލަ މި ސަރުކާރުން މިހާރު ހައްލުކޮށްދީފި ކަމަށެވެ. އަދި ދައުލަތުގެ ދަރަނިތައް ހަމަޖެހޭ އުސޫލުން އަދާކުރަމުންދާއިރުވެސް، ރަސްމާލެ ހިއްކުމުގެ ބިޔަ މަޝްރޫއާއި ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ބާރުމިނެއްގައި ކުރިއަށްދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތުތަކަށް ޖަވާބު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، ހއ. ދިއްދޫ، ތ. ގިރިފުށި، ތ. ވޭމަންޑޫ، ލ. މާވަށް އަދި ށ. މިލަންދޫ ފަދަ ރަށްރަށަށް ދިއުމުން އެ ރަށްރަށުގެ ބިން ހިއްކުމުގެ މަސައްކަތް ގޮސްފައިވާ މިންވަރު ފެންނާނެ ކަމަށެވެ. އަދި މިފަދަ އެތައް ރަށެއްގެ ލިސްޓު މިރޭ 12 ޖަހަންދެންވެސް ކިޔައިދެވިދާނެ ކަމަށް ވިދާޅުވެ، އަބްދުއްރަހީމް ވަނީ ދެލޯ މަރައިގެން ސިޓިންގ ރޫމުގައި ތިއްބަވައިގެން ބޭރުގައި ހިނގާ ކަންކަމެއް ނުފެންނާނެ ކަމަށް ވިދާޅުވެ އިދިކޮޅަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު