ސައިބަ ކްރައިމްގެ މައްސަލަތައް ރާއްޖޭގައި އިތުރުވެފައިވާ ކަމަށް ދާޚިލީ ވަޒީރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ގްލޯބަލް ސެކިއުރިޓީ ފޯރަމްގައި ރާއްޖޭގެ ފަރާތުން ވާހަކަ ދައްކަވަމުން މިނިސްޓަރ އިހުސާން ވިދާޅުވީ، ސައިބަ ކްރައިމްގެ މައްސަލަ ރާއްޖޭގައިވެސް އިތުރުވަމުންދާ ކަމަށެވެ. އެގޮތުން ސައިބަރ ކްރައިމްގެ ނުރަނގަޅު އަސަރު މުޅި އިގްތިސާދަށާއި، މުޖުތަމައުގެ ވަކިވަކި ފަރުދުންނަށްވެސް ފޯރާ ކަމަށް އިޙްސާން ވިދާޅުވިއެވެ.

ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އިޙްސާން ވިދާޅުވީ، ސައިބަ ކްރައިމްގެ ސަބަބުން ރައްޔިތުންގެ ޒާތީ މައުލޫމާތުތަކުގެ ރައްކާތެރިކަމުގެ އިތުރުން މާލީ ރައްކާތެރި ކަމަށްވެސް ނުރައްކާތައް ކުރިމަތިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ވިޔަފާރިތަކާއި ރާއްޖޭގެ ސަރުކާރުގެ ނަޒާހާތްތެރިކަމާމެދު ސުވާލު އުފެއްދުމަށް ޖާގަ ލިބިގެން ދާކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އިހުސާން ވިދާޅުވީ، ރާއްޖެއަކީ އާންމު ދިރިއުޅުމަށާއި ސަރުކާރުގެ ހިންގުންތެރިކަމުގެ އިތުރުން މާލީ މުއާމަލާތްތައް ކުރުމުގައިވެސް ޒަމާނީ ވަސީލަތްތަކަށް ބަރޯސާވެފައި އޮތް ގައުމެއް ކަމަށާއި، ސައިބަ ކްރައިމްގެ ސަބަބުން އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް މުއާމަލާތްތައް ކުރުމަށް އޮންނަ އިތުބާރު ގެއްލިގެންދާ ކަމަށެވެ.

އެހެންނަމަވެސް ރާއްޖެ އޮތީ ސަލާމަތް ނުވެވޭ ހާލަތެއްގައި ނޫންކަމަށާއި ވަރުގަދަ ސަލާމަތީ ފިޔަވަޅުތައް މެދުވެރިކޮށް ރާއްޖެއިން ދަނީ ސައިބަ ހަމަލާތަކާއި ދެކޮޅަށް ދިފާއީ އިންތިޒާމުތައް ވަރުގަދަކޮށް، އެފަދަ މައްސަލަތަކުގެ ސަބަބުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަކުރުމަށް މަސައްކަތްތައް ކުރަމުން ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން