ފަލަސްތީނުގެ މައްސަލާގައި ވީޓޯގެ ބޭނުންކުރާގޮތް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

އދ. ގެ ސަލާމަތީ މަޖިލީހުގައި ވީޓޯގެ ބޭނުންކޮށްގެން ފަލަސްތީނުގެ މިނިވަންކަމަށް ކުރާ މަސައްކަތަށް ހުރަސްއެޅުން ރާއްޖެއިން ކުށްވެރި ކޮށްފައިވަނީ އދ. ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން ވާހަކަފުޅު ދެއްކެވި ހައުސިންގ މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

އދ.ގެ އާންމު މަޖިލީހުގެ 78 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. ޢަލީ ހައިދަރު ވިދާޅުވީ، ސަލާމަތީ މަޖިލީހަށް ފަލަސްތީނުގެ ބިމުގައި ހިންގާ ލާއިންސާނީ ޖަރީމާތައް ނުފެންނަކަމަށް ހަދައިގެން ނުތިބެވޭނެ ކަމަށެވެ. އެގޮތުން އިޒްރޭލުގެ ރަޙުމްކުޑަ ހަމަލާތަކުގައި ވީރާނާވެފައިވާ އިމާރާތްތަކުގެ ދަށުން އާއިލާ ސަލާމަތްކުރަން ކުޑަކުދިން މަސައްކަތްކުރަމުންދާ މަންޒަރުތަކަކީ ކޮންމެ ދުވަހަކު ފެންނަމުންދާ ކަމެއް ކަމަށް ޑރ. ހައިދަރު ވިދާޅުވިއެވެ.

ނަމަވެސް ސަލާމަތީ މަޖިލީހުގެ ވީޓޯގެ އެއްވޯޓަކީ، ފަލަސްތީނަށް އިންސާފު ހޯދައިދިނުމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިއަން މީހުން މަގުތަކަށް ނުކުމެ ކުރަމުންދާ ސުލްހަވެރި އިހުތިޖާޖުގެ އަޑު ކަނޑުވާލުމަށްޓަކައި ހިންގި ފިނޑި ޢަމަލެއް ކަމަށް ހައިދަރު ވަނީ ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ސަލާމަތީ މަޖިލީސް އަނެއްކާވެސް ފެއިލްވެފައިވާކަމަށް ހައިދަރު ވިދާޅުވިއެވެ.

"ފަލަސްތީނަށް އިންސާފު ހޯދުމަށް ހަރުއަޑުން ގޮވާލާ ގޮވާލުން އެންމެ ވޯޓަކުން އަޑު ނީވޭކަމަށް ހެދުމަކީ ލަދުވެތި ކަމެއް." ޑރ. ހައިދަރު ވިދާޅުވިއެވެ.

ހައިދަރު ވަނީ، ސަލާމަތީ މަޖިލީހުގެ ވީޓޯގެ ބާރު ބޭނުންކޮށްގެން އިޒްރޭލުން ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެ ނަސްލު ނައްތާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ފަލަސްތީން ރައްޔިތުންގެ ހައްގުގައި އދ ގެ 140 މެންބަރު ގައުމާއި ސަލާމަތީ މަޖިލީހުގައި ހިމެނޭ ގައުމުތަކާއި، އަދި ދުނިޔޭގެ އެތައް މިލިއަން ބަޔަކު ކުރަމުންދާ މަސައްކަތްތައް ހުއްޓުވަނީ އެންމެ ގައުމަކުން ވީޓޯގެ ބާރު ބޭނުންކޮށްގެން ކަމަށް ހައިދަރު ވިދާޅުވިއެވެ.

އަދި އެކަން ކުރާ ޤައުމުން އެކަން ހުއްޓާލައި، ފަލަސްތީނަކީ މިނިވަން މުސްތަގިއްލު ދައުލަތެއްކަމުގައި ބަލައިގަނެ، ފަލަސްތީނުގެ ރައްޔިތުންނަށް އިންސާފު ހޯދައިދީ، އދ. ގެ ފުރިހަމަ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ރާއްޖެއިން ގޮވާލާކަމަށް ޑރ. ހައިދަރު ވިދާޅުވިއެވެ.

ފަލަސްތީނަކީ އދ. ގައި މިނިވަން މުސްތަގިއްލު ގައުމެއްގެ ދަރަޖަ އޮތް ގައުމެއް ނޫނެވެ. އދ. ގެ އޮބްޒާވަރެއްގެ ދަރަޖަ ފަލަސްތީނަށް ދީފައިވަނީ 2012 ވަނަ އަހަރު އެވެ. ފަލަސްތީނަށް އދ. ގެ ފުރިހަމަ މެމްބަރުކަން ދިނުމުގެ މައްސަލަ އާންމު މަޖިލީހާ ހިސާބަށް ގެންދިއުމުގެ ކުރިން، މިދިޔަ މަހު އެމެރިކާއިން ވަނީ ސަލާމަތީ މަޖިލީހާ ހިސާބުން ވީޓޯ ބާރުގެ ބޭނުންކޮށްގެން އެކަން ހުއްޓުވައިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން