މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރުކުރުމަށް އެމްޑީޕީން އަދާކުރި ދައުރާމެދު ފަޚުރުވެރިވާ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސައްކަތްތެރިންނަށް ފޮނުއްވައި މީސްމީޑީއާގައި ޙިއްސާ ކުރެއްވި މެސެޖެއްގައި ރައީސް ޞާލިޙް ވިދާޅުވީ މަސައްކަތްތެރިންގެ ހައްގުތައް ޙިމާޔަތް ކުރުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަށްވާނެ ކަމަށެވެ.

އޭގެ އިތުރުން ރާއްޖޭގައި މަސައްކަތްތެރިންގެ ހައްޤުތައް ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތުގައި އެމްޑީޕީން އަދާކުރި މުހިއްމު ދައުރާމެދު ފަހުރުވެރިވާކަމަށް ރައީސް ޞާލިޙް ވިދާޅުވިއެވެ.

އެގޮތުން މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކޮށްފައިވާ މަސައްކަތްތަކާއި މަސައްކަތްތެރިންގެ އެންމެ ކުޑަ އުޖޫރަ ގާނޫނަކުން ކަނޑައެޅުން ރައީސް ޞާލިޙް ފާހަގަކުރެއްވިއެވެ.

ރައީސް ޞާލިޙް ވަނީ މަސައްކަތްތެރިންނަށް ލިބިފައިވާ ހައްޤުތައް ކަށަވަރުކުރުމުގައި ދެމިހުންނަވާނެ ކަމަށާއި އެކަން އެގޮތުގައި ދެމިއޮތުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ކުރަށްވާނެކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވާފައެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް ރާއްޖޭގައި ފުރަތަމަ ފަހަރަށް ފާހަގަކުރުމަށް “މޭޑޭރެލީ” ބާއްވާފައިވަނީ އެމްޑީޕީން 2006 ވަނަ އަހަރު އެވެ. އޭގެ އިތުރުން މަސައްކަތްތެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ މެއި މަހުގެ 1 ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ކަނޑައެޅީ ރައީސް ނަޝީދުގެ ވެރިކަމުގައި 2011 ވަނަ އަހަރުއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން