މަރަދޫ ދާއިރާގެ އިންތިޚާބީ މެންބަރު ސ. މަރަދޫ އާޒާދުގޭ އަޙްމަދު ދީދީ
މަރަދޫ ދާއިރާގެ އިންތިޚާބީ މެންބަރު ސ. މަރަދޫ އާޒާދުގޭ އަޙްމަދު ދީދީ
ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށާއި އޭނާ އަކީ ތަރައްޤީއާ ދެކޮޅު މެންބަރެއް ނޫން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ އިންތިޚާބީ މެންބަރު ސ. މަރަދޫ އާޒާދުގޭ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މަރަދޫ ދާއިރާގެ ރައްޔިތުންގެ އަޑު އުފުލުމަށް އެދާއިރާގެ ރައްޔިތުން އިންތިޚާބު ކޮށްފައިވާ އަޙްމަދު ދީދީ “ރަސް އޮންލައިން” އަށް ދެއްވި ބަސްދީ ގަތުމެއްގައި ވިދާޅުވީ އައްޑޫ މަރަދޫ ދާއިރާގެ މަޖިލީސް ގޮނޑިއަކީ ވޭތުވެދިޔަ 15 ވަރަކަށް އަހަރުވެސް މަޖިލީހުގައި “އަޑުގަދަ ރަން ގޮނޑިއެއް” ކަމަށެވެ.

އެހެންކަމުން މަރަދޫ ދާއިރާގެ ރައްޔިތުންގެ އަޑު އިއްވުމުގައި ސަރުކާރު ޒިންމާދާރު ކުރުވުމަށް ފަސްޖެހުމެއްނެތި ކުރިއަށް ވަޑައިގަންނަވާނެ ކަމަށާއި ނަމަވެސް ތަރައްޤީއާ ދެކޮޅު ގޮނޑިއަކަށް މަރަދޫ ގޮނޑި ނުވާނެ ކަމަށް އަހްމަދު ދީދީ ވިދާޅުވިއެވެ.

“އިދިކޮޅުގެ މާނައަކީ އެއްވެސް ޙާލެއްގައި ދެކޮޅު ވުމެއް ނޫން. ސަރުކާރު ޖަވާބުދާރީ ކުރުވަން މިއަންނަނީ. އެހެންވީމާ އިދިކޮޅު ޕާޓީގެ މެންބަރެއްގެ ޙައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަޖިލީސް ތެރެއިން މަސައްކަތް ކުރެވޭނެ.” އަޙްމަދު ދީދީ ވިދާޅުވިއެވެ.

އަޙްމަދު ދީދީ ވިދާޅުވީ މަޖިލީހުގައި އޭނާ ބާރު އަޅުއްވާނީ އައްޑޫ ސިޓީ އާއި މަރަދޫ ދާއިރާއަށް އިތުރު ތަރައްޤީ އާއި ކުރިއެރުން ހޯދައި ދިނުމަށް ކަމަށެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ފައިދާހުރި ގޮތުގައި ކުރިއަށްގެންދާ އެއްވެސް ކަމަކަށް އެމްޑީޕީންވެސް ހުރަސް ނާޅާނެ ކަމަށް ޑީޑީ ވިދާޅުވިއެވެ.

ހަމައެއާއެކު މިފަހަރު މަޖިލީސް އިންތިޚާބުގައި އެމްޑީޕީއަށް ދެރަ ނަތީޖާއެއް ލިބުނު ނަމަވެސް އެމްޑީޕީގެ މެންބަރުންގެ އަޑު މަޖިލީހުގައި ފަނޑު ނުވާނެކަމީ ޝައްކެއް ނެތް ކަމެއް ކަމަށްވެސް ޑީޑީ ވަނީ ވިދާޅުވެފައެވެ.

“މެންބަރުން މަދުވުމަކީ މަސައްކަތް ހުއްޓުވޭނެ ހުއްޖަތެއް ނޫން.” ޑީޑީ ކަށަވަރުކަމާއެކު ވިދާޅުވިއެވެ.

މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި މަޖިލީހަކީ ސަރުކާރުގެ ރަބަރސްޓޭމްޕެއްގެ ގޮތުގައި އޮތް ނަމަވެސް މަޖިލީހުގެ މިދިޔަ ދައުރުގައި އެމްޑީޕީގެ ރައީސުން ފެށިގެން އެމްޑީޕީގެ ސީނިއާ މެންބަރުންވެސް އެމްޑީޕީގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ކުރެއްވިކަން ޑީޑީ ވަނީ ފާހަގަ ކުރަށްވާފައެވެ,

ޑީޑީ މިހެން ވިދާޅުވެފައިވާއިރު މިފަހަރުގެ މަޖިލީސް އިންތިޚާބުގައި މަޖިލީހުގެ 93 ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ 12 ގޮނޑިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން