ކުށުގެ ވެށީގައި ޙަރަކާތްތެރިވާ ކުދިންގެ ތެރެއިން ދަޢުލަތުގެ ރިހެބިލިޓޭޝަނަށް ނަގާ ކުދިންގެ ޢުމުރުން 18 އަހަރުވުމުން ސަލާމަތީ ޚިދުމަތް ތަކުގައި މަަސައްކަތް ކުރަންޖެހޭ ގޮތަށް އުސޫލެއް އެކުލަވާލުމުގެ މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކުރަށްވާފައިވަނީ ރޭ ބޭއްވި "އަހާ" ފޯރަމްގައި ދާޚިލީ ވަޒީރު ޢަލީ އިޙްސާނެވެ.

ރޭގެ ޕްރޮގްރާމް ގައި އިޙްސާން ވިދާޅުވީ ކުށުގެ ވެށީގައި އުޅޭ ކުދިން ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން ސަރުކާރުން ނިންމީ 15 އަހަރުން ދަށުގެ ކުދިން މެދުވެރިކޮށް ބައެއް ފަރާތްތަކުން ހިންގާ ކުށުގެ ޢަމަލުތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު މިނިސްޓްރީން ކުރާ މަަސައްކަތަކީ އެފަދަ ކުދިން ރިހެބިލިޓޭޓް ކުރުމަށް ލޯންގްޓާމް ކެއާ ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތް ކަމަށެވެ. އެޚިދުމަތް ދޭން ގަސްތުކުރަނީ ރަށެއްގެ ސިފައިގައި ކަމަށާއި އެރަަށަށް ކުދިން ގެންގޮސް ކުދިން ތަރުބިއްޔަތު ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން އެކުދިންގެ އުމުރާ ގުޅޭ ތައުލީމާއި، ދީނީ އިލްމާއި ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް އުގަންނައިދޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަދި އެކުދިން ކެއާ ފެސިލިޓީގައި 18 އަހަރު ވަންދެއް ގެންގުޅޭނީ އާއިލާއާ ގުޅުން ބަދަހިކޮށް ކަމަށް އިޙްސާން ވިދާޅުވިއެވެ. އޭރުން އެކުދިން ގޭންގް ޙަރަކާތްތަކާ ދުރުކުރެވޭނެ ކަމަށް ޤަބޫލު ކުރަށްވާ ކަމަށްވެސް އިޙްސާން ވަނީ ވިދާޅުވެފައެވެ.

"އަށާރަ އަހަރުވުމަށް ފަހު އެކުދިންނަކީ ސިފައިންގެ ނުވަތަ ފުލުހުންގެ ޚިދުމަތަށް ސީދާ ޖޮއިން ކުރާނެ ކުދިން ކަމުގައި ކަނޑައަޅަން. އެއަށްފަހު ފަސް ވަރަކަށް އަހަރު ޚިދުމަތުގައި ތިބެފައި ދެން އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުސަތު ދޭން،" މިނިސްޓަރު ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވެފައިވާއިރު، ދާދިފަހުން ޕީޖީ ޝަމީމް ވިދާޅުވެފައިވަނީ ގާނޫނީ ނިޒާމު ކަނޑައެޅިފައި އޮތް ގޮތުން، ކުށުގެ ޒިންމާ އުފުލަންޖެހޭ ޢުމުރަކީ 15 އަހަރު ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް، އޭގެ މާނައަކީ އެޢުމުރަށްވުރެ ހަގު ކުއްޖަކު ކުށެއް ކުރުމުން، އެކުއްޖާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމެއް ނޫން ކަމަށާއި، ފިޔަވަޅު އެޅޭނެ ނިޒާމުތައްވެސް އެބަހުރި ކަމަށާއި އެކަމާބެހޭ ގަވާއިދުވެސް އެބަ އޮތް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން